ރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި މިއަދު ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްލަވާލައްވައިފިއެވެ.
މިއަދު ހަވީރު އޮތް މި ހަރަކާތް ހުށަހެޅުމުގެ ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، އިސްތިގްބާލު ކުރެއްވި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
އަސްކަރީ ހުށަހެޅުމުގެ ހަރަކާތް ފެށުމުގެ ކުރިން، ދިވެހި ސިފައިން ވަނީ ރައީސް މުހައްމަދު މުއިއްޒަށް އަސްކަރީ ކުރުނީހެއް އަރުވައިފައެވެ. އެއަށްފަހު، ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އިބްރާހީމް ހިލްމީ ވާހަކަފުޅު ދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހި ގައުމީ ދިފާއީ ބާރުން ކުރިއަށް ގެންދިޔަ ހާއްސަ އަސްކަރީ ހުށަހެޅުންތަކުގައި، ފެނިގެންދިޔައީ ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ގުޅިފައިވާ ބާރުތަކުން ހިންގާ ޖޮއިންޓް އޮޕަރޭޝަންގެ ހަރަކާތްތަކެވެ. މި ހަރަކާތުގައި، ދިވެހި ސިފައިންގެ ސްޕެޝަލް ބޯޓް ސްކޮޑްރަން، ސްޕެޝަލް ފޯސަސްގެ ހަރަކާތްތަކާއި ރެޕަލިންގެ ހަރަކާތްތަކާއި ކައުންޓާ އެޓޭކެއްގެ މައިދާނީ ގަރަކާތްތަކެއް ފެނިގެންދިޔައެވެ.
އެ ހުށަހެޅުމަށްފަހު، ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް ދައްކާފައިވެއެވެ. ސިފައިންގެ ޢަސްކަރީ ހުށަހެޅުމުގެ މި ހަރަކާތްތައް ނިންމައިލުމުގެ ގޮތުން، ހަނދާނީ ގުރޫޕު ފޮޓޯއެއް ނެންގެވިއެވެ. ރައީސް މުއިއްޒުގެ އަރިހުގައި، ދިފާއީ ވަޒީރާއި ދިވެހި ޢަސްކަރިއްޔާގެ އިސް އޮފިސަރުން މި ފޮޓޯގައި ބައިވެރިވެވަޑައިގަތެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު