ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭޭ)އިން ޑޮލަރު ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން، ބީއެމްއެލްގެ ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ.

އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އެ މީހުން ހައްޔަރު ކުރީ މިދިޔަ. މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު ކ. ހުރާއިންނެވެ. އެ މީހުން ދަތުރުކުރި ލޯންޗު ވެސް ވަނީ އެ ރަށު ފަޅުތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހައްޔަރުކުރި ހަތަރު މީހުން

މާޒިން މޫސާ، 25، ރޭޝަމް / ލ.މާވަށް،

އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް / މާލެ،

އިބްރާހީމް އަނޫފް، 24، އަޅިވިލާގެ / ކ.ގުރައިދޫ،

ހުސައިން ޝަހުދު، 30، އަޅިވިލާގެ / ކ.ގުރައިދޫ

ފުލުހުން ބުނެފައިވާ ގޮތުގައި ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއް އިއްޔެރޭ ފަތިހު 4:45 އެހާކަންހާއިރު، ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އާ ޓާމިނަލްގައި ޑޮލަރު ކައުންޓަރެއް ހުންނައިރު މި ޑޮލަރުތަކަކީ އެތަނަށް ގެންދިޔަ ޑޮލަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި، އެ މުވައްޒަފުން އަތުން ފައިސާ ފޭރުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވަޅީން ބިރު ދެއްކުމަށް ފަހުއެވެ. އެކަން އެ މީހުން ކުރީ އެއާޕޯޓުގެ ސެކިއުރިޓީންވެސް ތިއްބައި ކަމަށް އެނގިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޑޮލަރުތައް ގެންދިއުމުގައި ބީއެމްއެލުން ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި، މުވައްޒަފުންގެ އަތުން ފައިސާ ފޭރުނީ، ބާ ޓާމިނަލުން އާ ޓާމިނަލަށް ވަންނަން އޮންނަ ވޯކްވޭ ތެރެއިންނެވެ. ފޭރިގަތް މީހުން ހުއްޓުވަން އެ ސަރަހައްދުގައި މަސައްކަތްކުރި ސެކިއުރިޓީ އޮފިސަރެއްގެ ގަޔަށް އެ މީހުން ޕެޕަ ސްޕްރޭ ޖެހިކަންވެސް އެނގިފައިވެއެވެ. އެހެންނަމަވެސް މިކަން ވަނީ މުޅީން ކަށަވަރު ނުވެފައެވެ.

ޑޮލަރު ހުރި ސޫޓު ކޭސް ފޭރިގަތުމަށްފަހު ވަގުން ލޯންޗަކަށް އަރައިގެން ފިލިއެވެ.