މިހާތަނަށް ދުވަހަކުވެސް މެދުއިރުމައްޗަށް ގެނެވިފައި ނުވާފަދަ ފައްކާ ސުލްހައެއް ގެނެސްފިކަމަށް ބުނެ ވިހި ނުގުތާއެއްގެ މައްޗަށް އެކުލެވޭ ޕްލޭނެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނު ކުރިތާ އަދި ގިނަދުވަސްތަކެއް ނުވެއެވެ. ގާޒާއިން ބަޑިޔާއި ބޮމުގެ އަޑު ކަނޑުވައިދިނީ ޓްރަމްޕޭ ބުނެ އޭނާއަށް ނޯބަލްގެ ސުލްހައިގެ އިނާމު ހައްގުވެއްޖެކަމަށް ވަކާލާތުކުރާ މީހުން ވަނީ ގިނަވެފައެވެ. އެކަމަކު އިޒްރޭލުގެ އަސްލު ސިފަޔާއި ސިޔާސަތު އެނގޭ މީހުން ދިޔައީ ބުނަމުންނެވެ. ތިޔައީ ހަގީގީ ސުލްހައެއް ނޫނެވެ. ތިޔައީ ދަޅައެކެވެ. އިޒްރޭލާ ގުޅިގެން އެމެރިކާއިން ދައްކާ ދަޅައެކެވެ. ގިނަ ދުވަސްތަކެއްނުވެ އިޒްރޭލުގެ ޖަރީމާތައް އަލުން ފަށާނެއެވެ. ކޮންމެވެސް ގޮތަކުން ކޮންމެވެސް ބަހަނާއެއް ދައްކައިފައެވެ. ކަންވީވެސް އެހެންނެވެ. އިޒްރޭލަކަށް ހިމޭނަކުން މާކަގިނަދުވަހު ނޯވެވުނެވެ. ވަޔާއި އެއްގަމުން އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް މިދިޔަ އަންގާރަދުވަހު ވަނީ ފަށައިފައެވެ. ހަމާސް ޖަމާއަތުގެ ބޮލުގައި ދެ އިލްޒާމެއް އެޅުވުމަށްފަހުގަައެވެ.
ފުރަތަމަ އިލްޒާމަކީ މަރުވެފައިވާ ރަހީނުންގެ ކަށިތައް އިޒްރޭލާ ހަވާލުނުކޮށް ލަސްކުރާކަމުގެ އިލްޒާމެވެ. ދެވަނަޔަށް ކުރިމަތިކުރި ބަހަނާޔަކީ ގާޒާގެ ދެކުނުން ރަފަހުގެ ކައިރީގައި ހަމާސްގެ މުޖާހިދުން އިޒްރޭލުގެ ސިފައިންނަށް ބަޑިން ހަމަލާތަކެއް ދީފިކަމުގެ ތުހުމަތެވެ. ބަޔަކު ދެނަހުރި ކަމެއްވެސް ނޫނެވެ. ހަމާސްއިން ބުންޏެވެ. އަހަރެމެންނާ ބެހޭ ކަމެއްވެސް ނޫނެވެ. ތިޔައީ ގާޒާގެ ތެރޭގައި އިޒްރޭލުން މިހާރު އޮޕަރޭޓްކުރާ ގޭންގުތަކާ ގުޅިގެން ކުޅެފައިވާ ޑްރާމާއެކެވެ. ކޮންމެއަކަސް ޒާތްޒާތުގެ ބަހަނާތައް އުފަންކޮށް އެއްބަސްވުންތައް އުވާލައި ޖަރީމާތައް އަލުން ފެށުމަކީ އިޒްރޭލުގެ ޒަމާންވީ ސިފައެކެވެ. ކުރިން ބަޔާންކުރެވުނު ބީދައިން ރަފަހުގެ ކައިރީގައި މިފަހަރު ކުޅުނު ޑްރާމާއަށްފަހު އަވަސްއަވަހަށް ޓީވީއަށް އަރައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުންޏެވެ. އަނހާ އަނހާއެވެ. ހަމާސްއިން ރައީސް ޓްެރަމްޕުގެ ސުލްހައިގެ ޕްލޭން އިރާލައިފިއެވެ. ހަމަލާތައް ފަށައިފިއެވެ. އެހެންވީމާ އަހަރެމެން އަނެއްކާވެސް ހަގުރާމަޔަށް ރުޖޫއަވާން ނިންމައިފީމެވެ.
މިމޭރުމަކުން ނަތަންޔާހޫ ވާހަކަދެއްކިތާ ގިނައިރުތަކެއްނުވެ މުޅި ގާޒާޔަށް ދިޔައީ ގުޑުން އަރައިގެންނެވެ. ހަމައެކަނި ހަމާސްގެ މުޖާހިދުން ބަޑިޖެހިކަމަށް ބުނާ ހިސާބު އެކަންޏެއް ނޫނެވެ. ގާޒާގެ އެންމެ އުތުރުން ގާޒާސިޓީން ފެށިގެން އެންމެ ދެކުނުން ރަފަހުއާ ހަމައަށެވެ. އިޒްރޭލުންވަނީ މުޅި ގާޒާޔަށް ރޭގެ އަނދިރިކަމުގެ ތެރޭގައި އެތައްސަތޭކަ ޓަނެއްގެ ބޮންއަޅައިފައެވެ. ނަތީޖާއެއްގެ ގޮތުން ގާޒާގެ އިތުރު އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ފަލަސްތީނުގެ ފަރާތްތަކުން ބުނާގޮތުގައި މަދުވެގެން ވިހި މީހުން ޝަހީދުވެ އިތުރު ފަންސާހަކަަށް މީހުން ޒަޚަމްވެއްޖެއެވެ. ކުޑަކުދީންނާއި އަންހެނުންވެސް ހިމެނޭގޮތުންނެވެ. މިއީ ޓްރަމްޕުގެ ސުލްހައިގެ ޕްލޭން އިއުލާނު ކުރިފަހުން ގާޒާޔަށް އިޒްރޭލުން ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ. މިނޫނަސް ކިތަންމެ ފަހަރަކު ހަމަލަދީ އެތައްބަޔަކު ޝަހީދުކޮށްފިއެވެ. އެކަމަކު މިއީ މިހާ ވަރުގަދަޔަށް، މިހާ ގިނައިރަށް ދެމިގެންދާ ގޮތަށް ހަމަލަދިން ފުރަތަމަ ފަހަރެވެ. އެހެންވީމާ ގާޒާގެ ސުލްހަ އެއޮތީ ނިމުމަކަަށްއައިސް ހަގުރާމަ އަލުން ފެށިފައެވެ.
އިޒްރޭލުގެ ކޮންމެ ޖަރީމާއެއް ގިރިޓީކޮށް ދުނިޔޭގެ ކުރިމަތީގައި އިޒްރޭލުގެ ހުތުރު މޫނު ފަރުދާކޮށްދޭ ބަޔަކީ އަބަދުވެސް އެމެރިކާއެވެ. އެގޮތުން މިފަހަރުވެސް އެމެރިކާއިން އަވަަސްވެގަތީ އިޒްރޭލުން ކުށެއް ނުކުރާކަން ދެއްކުމަށެވެ. އަދި ޓްރަމްޕުގެ ސުލްހައިގެ ޕްލޭނަށް ގުޑުމެއް ނާރާކަންވެސް ދެއްކުމަށެވެ. ރައީސް ޓްރަމްޕުގެ ޚިޔާލުތަކާއި ޝުއޫރުތައް އާއްމުކޮށް ބަންޑުންކުރާ ތަނަކީ މީސްމީޑިއާއެވެ. އެތަނުގައި ޓްރަމްޕު ބުންޏެވެ. އެއީދެން އެވަރުގެ ކަމެއް ނޫނެވެ. ގާޒާގައި ދެ އަހަރެއްހައި ދުވަހަށް ހަގުރާމަ ކުރުމަށްފަހު ސުލްހަ ގެނެވުނަސް ދޭތެރެޔަކުން މިޒާތުގެ "ކުރިމަތިލުން" ތަކެއް ހިގާނޭކަން އަހަރެމެންނަަށް އެގެއެވެ. އެއީ މައްސަލައެއް ނޫނެވެ. މިމޭރުމުން ޓްރަމްޕު ވާހަކަ ދެއްކުމުގެ ކުރީގައި އޭނާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯ ވަނީ އިޒްރޭލުގެ ހަމަލާތަކަކީ ސުލްހައިގެ ޕްލޭނަށް ނުރައްކަލެއް ނޫންކަމަށް ބުނެ ހެއްވާ ވާހަކަތަކެއް ދައްކައިފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައިގެ އަގެއްނެތް ކަމަށް ދޭހަވާ ބީދަޔަކުންނެވެ.
އިޒްރޭލުގެ ހަމަލާތަކަކީ އެމެރިކާއަށް މާބޮޑު މައްސަލަޔަކަށް ނުވިޔަސް، އަދި ސުލްހަޔަށް އެޅުނު ހުރަހަކަށް ނުވިޔަސް އެހެން ގައުމުތަކުގެ ޚިޔާލުހުރީ އެހެނަކުން ނޫނެވެ. މުޅި މެދުއިރުމަތިން އިވެމުންދަނީ އިޒްރޭލު ކުށްވެރިކުރުމުގެ އަޑުތަކެވެ. އެމެރިކާއިން ގެރެންޓީދީފައިވާ ސުލްހައެއް ނަގާލައި ޓްރަމްޕުގެ ކަންކަށިމަތީގައި މިވަރުގެ ތަފާއްޔެއް ނަތަންޔާހޫ އަޅައިލިއިރު ތަދު އިހުސާސްނުވިތާގައި ލަދުވެތިކަންވެސް ފަސްވެދިޔައީތޯ ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ އެޑިޓޯރިއަލްގައި ވަނީ ސުވާލު އުފައްދައިފައެވެ. އެމެރިކާއިން ގެރެންޓީދޭ ސުލްހަޔާއި އެމެރިކާއިން އިއުލާންކުރާ ޕްލޭންތަކުގެ ނިމުމަކީ މިއީކަމަށް ވަންޏާ ދުނިޔޭގައި އެމެރިކާއަށް އަދާކުރެވޭ ލީޑަރޝިޕެއް އެބައޮތްތޯވެސް ވަނީ ސުވާލުކޮށްފައެވެ. ވަރަށްބޮޑު ތެދެކެވެ. އިޒްރޭލުގެ ޖަރީމާތައް ފޮރުވާން ހަދައިގެން އެމެރިކާ ބޭޒާރުވެ އަވަދިވެއްޖެއެވެ. އިތުބާރު ގެއްލި ނިމިއްޖެއެވެ. އެކަމަކު އެމެރިކާގެ ސަރުކާރު ހިންގާންތިބި ބަޔަކަށް އަދި ރޭކާލިހެން ހިޔެއް ނުވެއެވެ.
އިޒްރޭލުން ހިންގާ ޖަރީމާތަކަކީ ސުލްހަޔަށް އެޅޭ ހުރަހެއްކަމަށް އެމެރިކާއަށް ނުފެނުނަސް ޓްރަމްޕުގެ ޕްލޭން އެއޮތީ ފޭލްވެފައެވެ. މި ޕްލޭނުގައި ބަޔާންކުރާ ގިނަ ކަންކަމަށް އިޒްރޭލުގެ އެއްބާރުލުން ނުލިބިގެންނެވެ. އޭގެތެރޭގައި ގާޒާއަށް އެހީގެ ތަކެތި ވެއްދުމާއި ބެހުންވެސް ހިމެނެއެވެ. ގާޒާގެ ސުލްހަބަލަހައްޓާ ފައުޖުގައި ހިމަނަން އިޒްރޭލު ބޭނުންވަނީ ފެންނަ މަންޒަރު ނުފެންނަކަމަށް ހަދައިދޭނޭ ގައުމުތަކުގެ ސިފައިންނެވެ. ތުރުކީއާއި މެލޭޝިޔާ ކަހަލަ ގައުމުތަކުގެ ސިފައިންނަށް މަރުހަބާ ނުކިޔާނޭކަންވެސް އިޒްރޭލުން ވަނީ އަންގައިފައެވެ. މިހުރިހާކަމެއް މިހެން ހުރުމުން އިއްޔެގެ ހަމަލާތަކުގެ ކުރިންވެސް ޓްރަމްޕުގެ ސުލްހައިގެ ޕްލޭން އޮތީ ނާކާމިޔާބުވެ ނިމިފައެވެ. އެކަމުގެ އިލްޒާމު ހަމާސްގެ ބޮލުގައި އެޅުވޭނެ އެއްގޮތެއްވެސް ނެތެވެ. ބަޔަކު އެކަން އިއުލާނު ނުކުރާކަން އެކަންޏެވެ. ޓްރަމްޕު މިހާރު އޭޝިޔާއަށް ކުރަމުންދާ ދަތުރު ނިމުމުގެ ކުރިން އެކަންވެސް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
އިމާދު ލަތީފު
ގާޒާ
ގާޒާ
ގާޒާ
ގާޒާ