މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމަށް، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން، މިފްކޯއަށް ލޯނެއް ދީފައިނުވާނެ ކަމަށާއި މަސްވެރިންނަށް ފައިސާ ދެނީ ބޭންކުގެ ފައިސާއިންވެސް ނޫންކަމަށް ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި"ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ޝަރީފު ވިދާޅުވީ ބީއެމްއެލް އުފެއްދުމުގެ މަގުސަދަކީ ހަމައެކަނި ވިޔަފާރިކުރުން ނޫން ކަމަށެވެ. ޝަރީފު ވިދާޅުވީ ބީއެމްއެލް އުފެއްދި މަގުސަދުތަކުގެ ތެރޭގައި އިގްތިސޯދަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނޭ ކަމަށެވެ.
ޝަރީފު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މުހިންމު އެއް ސިނާއަތްކަމަށްވާ މަސްވެރިކަމަށް އެހީތެރިވުމަށް ބޭންކުން ސަރުކާރާއި މިފްކޯއާއެކު އެއްބަސްވުމެއް ގާއިމުކޮށް ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ނިޒާމު ގާއިމުކުރަން ކަމަށެވެ.
"ރަސްމީ ދުވަހެއް ނުވަތަ ހަފުތާ ބަންދު ދުވަހެއް ކަމުގައިވިޔަސް މި މުއާމަލާތްތައް މިދަނީ ފުރިހަމަކުރަމުން. އަޅުގަނޑު ފާހަގަކޮށްލަން މިކަން ކުރަމުން މިދަނީ ބޭންކުގެ ފައިސާއިން ނޫންކަން. އަދި މިފްކޯއަށް ލޯނު ދޫކޮށްގެންވެސް ނޫންކަން. މިފްކޯގެ އެކައުންޓަށް ޖަމާވާ އާމްދަނީ ފައިސާއިން އެންމެ ފުރަތަމަ މަސްވެރިންގެ އެކައުންޓްތަކަށް ފައިސާޖަމާކުރުމަށް އިސްކަންދޭ ނިޒާމެއް ގާއިމު ކޮށްގެން" ޝަރީފު ވިދާޅުވިއެވެ.
އެކަމުން މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުންތަކުގެ ތެރޭގައި މަސްވެރިން މާލީ ދާއިރާގައި ބައިވެރިކުރުވުމުގެ ގޮތުން މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ފަސޭހައިން ލޯނާއި ފައިނޭންސް ލިބޭނެ ގޮތް ހަމެޖެހުން ހިމެނޭކަމަށް ޝަރީފު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޝަރީފު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އޭގެ ހެޔޮ އަސަރުކޮށް، މަސްވެރިންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމުގެ އިތުރުން އިގްތިސޯދަށާއި ބޭންކަށްވެސް ފައިދާ ކުރަމުން އަންނަކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް