އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ގެނައި ސިގިރޭޓްތައް ބޮންޑެޑް ވެއާހައުސްގައި ހުއްޓައި ބޭރު ކުރި މަރުހަލާގައި، އެ ކުންފުނީގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާނަށް ދީފައިވާ ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި އެ ރިޕޯޓުގައިވާ ގޮތުން ކަސްޓަމްސްގައި އެ ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރި އިރު، ކުންފުނީގެ ހިއްސާދާރުންނަކީ ލުބުނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ކިޔާ މީހެކެވެ.

ނަމަވެސް އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން 9 ޑިސެމްބަރު 2023 ގައި ފޭކް ސިނގިރޭޓް އެތެރެކުރި އިރު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާންއެވެ.

ސިރުހާން މެމްބަރުކަމަށް ހޮވުނީ އޭޕްރީލް 2023 ގައި ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިހާބުގައެވެ.

ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިނގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން އޮތީ އެހެން ބަޔަކަށް ބަދަލުކޮށްފައެވެ.

ވަގަށް ސިނގިރެޓް ބޭރުކުރި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ.

ނަމަވެސް ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން އަނެއްކާ ވެސް އޮތީ އެ ކުންފުނީގެ ހިއްސާދާރުން ބަދަލުކޮށްފައެވެ. ސިނގިރެޓް ވަގަށް ބޭރުކުރި މައްސަލަ ފެންމަތިވި އިރު، އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާނާއި ކިޔާ މުހައްމަދު ޝަރީފެވެ.