ޔޯގާ ސްޓޫޑިއޯއެއް ހުޅުވައި، ޔޯގާ ޕްރޮމޯޓުކުރި މައްސަލައާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އަދި އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހަޅައިފިއެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ބުނީ އެ ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަން ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު މާލޭގައި ބެލެންސް ސްޓޫޑިއޯ ނަމުގައި ޔޯގާ ސްޓޫޑިއޯ ނުވަތަ ސެންޓަރެއް ހުޅުވި މައްސަލައިގައި ސުވާލުކުރުމަށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިހުސާންއާ ކުރަން ހަމަޖެހިފައިވާ ސުވާލަކީ ބެލްންސް ސްޓޫޑިއޯއިން ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރު ކުރިއިރު އެކަން ނުހުއްޓުވި ސަބަބާ ގުޅޭގޮތުންނެވެ. އަދި ޔޯގާގެ ހަރަކާތް ހިންގުން ހުއްދަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅެއް ލިބިފައިވޭތޯ ބެލުމަށެވެ.

މާރިޔާއާ ކުރަން ހަމަޖެހިފައިވާ ސުވާލަކީ ބެލެންސް ސްޓޫޑިއޯ ހުޅުވައިދެއްވުމަށް މާރިޔާ ވަޑައިގެންނެވީ ރައީސްގެ ހުއްދައެއް ނުވަތަ އިރުޝާދުފުޅެއް ލިބިވަޑައިގެންތޯއެވެ.

ޕީޕީއެމް/ޕީއެންސީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރިއިރު 2022 ވަނަ އަހަރު އިންޑިއާގެ އެމްބަސީން ޔޯގާ ދުވަސް ފާހަގަކުރުމުން ޕީޕީއެމް/ޕީއެންސީގެ ވެރިން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޔޯގާ ހަރަކާތް ބޭއްވި ގަލޮޅު ދަނޑަށް ބަޔަކު ވަނީ ވަދެ ހަމަނުޖެހުންވެސް ހިންގައިފައެވެ.

އެ މައްސަލައާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގައި މިހާރު ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އަދި ދީނީ އިލްމުވެރިންތަކެއްގެ މައްޗަށް ދައުވާ އުފުލިއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންގެ ދައުވާތައް ކުރިއަށް ނުގެންދަން މިހާރު ނިންމާފައިވާ އިރު، އޭގެ ތެރޭގައި މުހައްމަދު އިސްމާއިލްވެސް ހިމެނެއެވެ.

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި ތިބިއިރު ޔޯގާ ހަރަކާތާ ދެކޮޅު ހެދިނަމަވެސް މިއަހަރު ވަނީ ޔޯގާ ދުވަސް ތާޖު މޯލްޑިވްސް ރިސޯޓުގައި ފާހަގަކޮށްފައެވެ. އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.