މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަން އިއުލާންކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެމްއެމްބީސީއަށް އެސްޖީއެއް ހަމަޖައްސަން އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މަގާމުގެ އަސާސީ ޝަރުތަކީ، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލްލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުމެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، އެ މަގާމަށް ކުރިމަތިލާ މީހަކީ 30 އަހަރުން މަތީގެ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލާ މީހަކީ މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުން އަންނަ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި އިންތިހާބީ މަގާމެއް ފުރަމުން އަންނަ މީހެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އެ އިއިލާނުގައިވެއެވެ.
އިއުލާނުގައިވާ ގޮތުން އެ މަގާމުގެ އަސާސީ މުސާރައަކީ، މަހަކު 20،500ރ އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މި މަހުގެ 28ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުން އެދޭ ކަމަށްވެސް އެ އިއުލާނުގައިވެއެވެ.
މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގައި ޖުމްުލަ ހަތް މެމންބަރުން ތިއްބަވާނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނާއި މީޑިއާތަކުގެ މެދުގައި ވޯޓުލައިގެން ހޮވާ ހަތަރު މެންބަރުންނެވެ. މިހާރު އެ ހުރިހާ މެންބަރުން ވެސް ވަނީ ކޮމިޝަނަށް އައްޔަންކޮށްފަ އެވެ.
އަލީ ޔާމިން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން