މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށްވަނީ 30.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.5 ޕަސަންޓުގެ ކުރިއެރުމެއްކަމަށް ފިނޭންސުން ބުންޏެވެ.
ދައުލަތަށް އެންމެ ބޮޑު އާމްދަނީ ލިބިފައިވަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. ފިނޭންސުން ބުނީ ޓެކުހުގެ ގޮތުގައި 23 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު އާމްދަނީއާއި ހިލޭ އެހީގެ 75.1 ޕަސަންޓަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ކަމަށެވެ.
ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާ ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅައިބަލާއިރު 105.3 ޕަސަންޓަށް އިތުރުވެފައިކަން ފިނޭންސުން ފާހަގަކުރިއެވެ. ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 56.4 ޕަސަންޓް ވަނީ އިތުރުވެފައިކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސުން ބުނީ ޓެކުހާއި ޓެކްސް ނޫން އާމްދަނީ 9.6 ޕަސަންޓަށް އިތުރުވެފައިވާ ކަމަށެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު ލިބުނު އާމްދަނީ 61 ޕަސަންޓަށް އިތުރުވެފައިވާ ކަމަށާއި ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު 10 ޕަސަންޓަށް އިތުރުވެ، 1.7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުން ކަމަށެވެ.
މީގެ އިތުރުން ފިނޭންސުން ބުނީ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީ މިއަހަރުގެ ތެރޭގައި އިތުރުވެފައިވާ ކަމަށެވެ.
އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 45.3 ޕަސަންޓަށް އިތުރުވެ، 1.6 ބިލިއަން ރުފިޔާއަށް އަރާފައިކަމަށް ފިނޭންސުން ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް