ދެމެހެއްޓެނިވި ޓައުންޝިޕްތަކެއް ތަރައްގީ ކުރެވޭގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ ޖަލްސާގައި މި ބިލް ބަލައިގަތީ ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލް ބަަލައިނުގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

މި ބިލުގައި ވަނީ، ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް ބާބެއް އިތުރު ކުރަން ހުށަހަޅައިފައެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ޝުޖާއު ވިދާޅުވީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކޮށް، އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

ރާއްޖޭގެ ސިނާއީ، އިގްތިސާދީ، އިޖުތިމާއީ، މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުމާއި، ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް އިތުރުކޮށް، ބޭރު ފައިސާ ލިބޭ މިންވަރު މަތިކުރުމުގެ އިތުރުން އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެއަށް ނަގުލުކުރުން، މި ބިލްގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައި، ގާނޫނުގެ ނުވަ ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ ފަހަތަށް އާ މާއްދާއެއް އިތުރުކުރުމާއި، 20 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމާއި، 22 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމާއި، 70 ވަނަ މާއްދާގެ ފަހަތަށް ބާބެއް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ އެއް ވަނަ ނަންބަރާއި 12 ވަނަ ނަންބަރު އިސްލާހުކުރުން ހިމެނެއެވެ.

ބިލްގައި ހިމެނޭ ސަސްޓެިނަބަލް ޓައުންޝިޕް ތަރައްގީ ކުރުމުގެ ހާއްސަ ޝަރުތުތައް:

  • ޒޯންގައި ކުރާ އިންވެސްޓްމެންޓް 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމެންޓަކަށްވުން
  • ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމްކުރުން
  • ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ޒޯނުގައި ގާއިމްކުރުން
  • ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނު ދޭ މަރުކަޒެއް ޒޯނުގައި ގާއިމު ކުރުން
  • ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރުން
  • ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކަކީ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކަށް ވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ވުން
  • ދިވެހިރާއްޖެއަށް އިމްޕޯޓު ކުރާ ކާބޯތަކެތި މަދުކޮށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރު ކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގާއިމުކުރުން
  • ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭގޮތުން ހިމެނޭގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމުކުރުން

ޒޯނުގައި ހިމެނޭ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީ ނެގޭ ޕްރޮޕަޓީ ޓްރާންސްފާ ޓެކްސް ނެގޭނެ ހައްސަ ރޭޓްތަކެއްވެސް ބިލްގައިވަނީ ކަނޑައަޅައިއިފައެވެ.