އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ސުވާލު ކުރުމުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މަޖިލިސް ހޫނުވެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވަވައި ޖަލްސާއިން ނިކުންނަވަން އަންގަވައިފިއެވެ.

މައްސަލަ ހޫނުވީ، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް، މިނިސްޓަރާ ކުރެއްވި ސުވާލަށް މިނިސްޓަރު ޖަވާބުދެއްވަން ފައްޓަވައި ވަކި ހިސާބަކަށް ދިއުމުންނެވެ.

ނާޒިލް ސުވާލު ކުރެއްވީ ހިތަދޫގައި އެމްޑީޕީ ސަރުކާރުން އަޅަން ފަށާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދީގެން ކަމަށް ކޮންޓެކްޓަރު ބުނާ ކަމަށާއި، އެއީ ކިހިނެއް ހިނގާ ކަމެއްތޯ އާއި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައިއެތަން ނިމޭނެތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެންބަރު ހިއްސާ ކުރެއްވި މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަަމަށެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުނީގެ އެއްވެސް ބިލަކަށް ފައިސާ ނުދައްކައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ހުރިހާ ބިލަކަށް ފައިސާ ދައްކާފަ އޮންނާނީ ކެޕޭސިޓީ ނެތް ފަރާތްތަކަކަށް މަސައްކަތް ހަވާކު ކުރީމަ މަސައްކަތް ލަސްވެެގެންދަނީ،"

އެ ހިސާބުން އެމްޑީޕީ މެންބަރު އަޑުގަދަކުރައްވަން ފެއްޓެވިއެވެ.

ދެން މިނިސްޓަރު ވިދާޅުވީ، ސުވާލު ކުރައްވައިފައި ޖަވާބު އަޑުއެއްސެވުމުގެ ގާބިލުކަން މެންބަރުގެ ހުންނަން ޖެހޭނެ ކަމަަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 50 މިލިޔަން ރުފިޔާ ނުދައްކައި އޮތް ކަމަށެވެ. މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ ކުރީ ސަރުކާރުން ދިޔައީ 50 މިލިއަނުން އިސްލާމިކް މިނިސްޓްރީ ދަރުވާލާފައި ކަމަށާއި ސުވާލު ކުރަން ލަދު ގަންނަން ޖެހޭނެ ކަަމަށެވެ.

މިނިސްޓަރުގެ އެ ވާހަކަތަކަށް ޕީއެންސީ މެންބަރުން ތަރުހީބު ދެއްވަމުން ގެންދެވިއެވެ.

ނަަމަވެސް މިނިސްޓަރުގެ ވާހަކަތައް ދޮގުކުރައްވައި އެމްޑީޕީ މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުުމުން ޕީއެންސީ މެންބަރުންނާ ދެމެދު ޒުވާބު ގަދަވެ މައްސަލަ ހޫނުވިއެވެ. އެކަމާ ގުޅިގެން ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު އިށީންދެވަޑައިގަތުމަށާއި ދެން ތިއްބެވި މެންބަރުންވެސް މަޑުން ތިއްބެވުމަށް ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ނަސޭހަތްދެއްވަމުން ގެންދެވިއެވެ.

ނަމަވެސް އެ ހޫނުގަނޑުގައި ބައެއް މެންބަރުން މިނިސްޓަރު އިންނެވި ގޮނޑި ކައިރިއަށް ވަޑައިގަތުމުން، އެކަން މަޖިލީހުގެ ސެކިއުރިޓީގެ ސަމާލުކަމަށް ރިޔާސަތުން ގެންނެވިއެވެ. އަދި މެންބަރު މައުރޫފާއި އެހެން ބައެއް މެންބަރުން ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ މެންބަރުންނާއި މަޖިލީހުގައި އިންނެވި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވެސް އެތަނަށް ވަޑައިގެންނެވިއެވެ.

އެ ހިސާބުން މެންބަރު މައުރޫފާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދަށް ތަކުރާރުކޮށް އިންޒާރު ދެއްވުމަށްފަހު، މެންބަރު މައުރޫފުގެ ނަން އިއްވަވައި ތަޅުމުން ނިކުންނެވުމަށް ރިޔާސަތުން އެންގެވިއެވެ.