ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ ހޭންޑްބޯޅަ އިވެންޓްގައި ރާއްޖެ ކައިރިން ވަރުގަދަ ސައުދީ އަރަބިއާ ކުރި ހޯދައިފިއެވެ.

ބަހްރެއިންގެ އުއްމު އަލްހައްސާމް ކޮމްޕްލެކްސްގެ ހޯލް އޭގައި މިއަދު ކުޅުނު ފިރިހެން ހޭންޑްބޯޅަ ގްރޫޕް އޭގެ މެޗުގައި ސައުދީ އަރަބިއާއިން ރާއްޖެ ކައިރިން ކުރި ހޯދީ 17-7 ނަތީޖާއަކުންނެވެ. ސައުދީ އަރަބިއާއަކީ މިފަހަރުގެ ގޭމްސްގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމެވެ. އެޓީމަކީ ފެވަރިޓުންގެ ގޮތުގައި ގޭމްސްއަށް ނުކުތް އެއް ޓީމެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވަރުގަދަ ކުޅުމަކާއެކު ސައުދީ އަރަބިއާއިން ހާފު ނިންމާލީ 35-3 އިން ކުރީގައި އޮވެގެންނެވެ. އެ ހާފުގައި ރާއްޖޭގެ ގޯލްތައް ޖެހީ އިބްރާހީމް އަރޫޝްއާއި އަހުމަދު ލަހުފާން އަދި ޔޫސުފް މައީޝް މުސްތަފާއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ސައުދީން ވަރުގަދަކޮށް ފެނުނު ނަމަވެސް، ހާފުގެ ފަހުކޮޅުގައި ރާއްޖެއިން ކުޅުން ރަނގަޅުކޮށް ހަތަރު ގޯލް ޖެހިއެވެ. ލަހުފާންގެ އިތުރު ގޯލެއް ފެނިގެން ދިޔަ އިރު، ދެން ގޯލްތައް ޖެހީ މުހައްމަދު އަފްލާހް ހުސައިން ޝިފާޒާއި ޔޫނުސް ވާޒިން މުހައްމަދު ވިޝާމް، އާއިލް މަޖީދާއި އިޔާން އަހުމަދެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިން ފަރާތުން ޓީމެއްގެ ގޮތުގައި ކުޅެން މަސައްކަތްކޮށް، ރަނގަޅު ރޫހެއް މެޗުގައި ދަމަހައްޓާފައިވެއެވެ.

ރާއްޖެއަކީ ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ ފިރިހެން ހޭންޑްބޯޅަ އިވެންޓްގައި ވާދަކުރާ ދެކުނު އޭޝިއާގެ ހަމައެކަނި ގައުމެވެ. ރާއްޖެއާއި ސައުދީ އަރަބިއާގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ ހޯސްޓް ބަހްރެއިނާއި ޖޯޑަން އަދި ހޮން ކޮންގެވެ. ރާއްޖެއިން ދެން ކުޅޭ މެޗުގައި މާދަމާ ރޭ ރާއްޖެ ގަޑިން 9:00 ގައި ނުކުންނާނީ ބަހްރެއިނާ ދެކޮޅަށެވެ.