އިންޑިއާގައި ބަހެއްގައި ރޯވެ 20 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ ރާޖަސްތާނުގެ ޖައިސަލްމާ އިން ފުރައިގެން ޖޯދްޕޫރަށް ދަތުރުކުރި އެ ބަހުގައި ރޯވީ ކުއްލިޔަކަށް ކަމަށާއި މަދު ވަގުތުކޮޅެއްގެ ތެރޭގައި ހުޅުގަނޑު ބަހުގެ ތެރެއަށް ފެތުރިގެން ދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ.

ބަސް ދުއްވަނިކޮށް އޭގައި ރޯވުމާއެކު ވަގުތުން ބަސް މަޑުކޮށް މީހުން ހުސްކުރުމުގެ މަސައްކަތް ފެށިކަމަށް އިންޑިއާގެ ފުލުހުން ބުނެއެެވެ.

57 ފަސިންޖަރުން ދަތުރުކުރި އެ ބަހުގައި ރޯވުމާއެކު އޭގައި ތިބި 20 މީހަކު އަނދައިގެން މަރުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި 16 މީހަކަށް ސީރިޔަސް އަނިޔާވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ބަހުގައި ރޯވި އަލިފާން ނިއްވާލުމަށް އިންޑިއާގެ އެސްޓޭޓުގެ ފަޔާ ޑިޕާޓްމަންޓުން މަސައްކަތް ކޮށް އަލިފާންގަނޑު ނިއްވާލާފައިވެއެވެ. ފުލުހުންނާއި އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް ބެލި ބެލުމުން އެބަހުގައި ރޯވާން މެދުވެރިވެފައިވަނީ އޭގައި އުފުލާފައިވާ ބަޑިބޭސްތަކެއް ގޮވައިގެން ކަމަށް ފާހަގަވެފައިވެއެވެ.