ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދައްކަވާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ހިންގާފައިނުވާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ ގާނޫނީ ވަކީލުން ބުނެފިއެވެ.
މާލިއްޔަތު ކޮމިޓީން ކުރި ތަހުގީުތަކެއްގެ ރިޕޯޓް އެކުލަވާލައި، އެ ރިޕޯޓްގައިވާ ބައެއް މައުލޫމާތުތައް މެންބަރުންނާ ހިއްސާ ކުރައްވަމުން ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާގެ ގޮތުގައިވެސް ހުންނެވި ދާއޫދާއި އޭނާގެ އަނބިކަނބަލުންގެ އެކައުންޓްތަކަށް، އާމްދަނީ ލިބުނު ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
"ސޯސް އޮފް އިންކަމް (އާމްދަނީ ލިބުނު ގޮތް) ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވޭ،" ނާޒިމް ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ދާއޫދުގެ ގާނޫނީ ވަކީލުންގެ "ލޯކްރާފްޓް ލޯ ފާމް" އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދާއޫދާ ގުޅޭގޮތުން ނާޒިމް ދައްކަވާފައިވަނީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
"އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވަދެފައިނުވާނެކަމާއި، ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ އެކައުންޓު މެދުވެރިކޮށް ހިންގާފައިނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ..،" އެ ބަޔާނުގައި ބުންޏެވެ.
ދާއޫދުގެ ވަކީލުން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އެއްވެސް ފައިސާއެއް ދާއޫދަށް ލިބިފައިނުވާކަން ދައުލަތުގެ ފަރާތުން ކުރިއަށްގެންދިޔަ ތަހުގީގުތަކުންނާއި ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ދެއްވާފައިވާ ބަޔާންތަކުން އެނގި ސާފުވާނެ ކަމަށެވެ.
އޭގެ އިތުރުން، އެ މައްސަލައިގައި އިދާރީ ތަހުގީގުތަކާ ގުޅިގެން ޕޮލިސް ބޯޑުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ޝަރުއީ މަރުހަލާގައި ނިންމާފައިވާ ނިންމުންތަކުން ވެސް ދާއޫދުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތްކަން ސާފުވާނެ ކަމަށް ވެސް އޭނާގެ ވަކީލުންގެ ބަޔާނުގައި ބުންޏެވެ.
"ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ޒިންމާދާރު އޮފިސަރަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަތަކެއް ދެއްކުމަކީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކާ މެދު އޮންނަ އިތުބާރު ގެއްލިދާނެ ކަމަކަށްވާތީ، މިފަދަ ވާހަކަތައް ދެއްކުމުން ދުރުހެލިވުމަށް އިލްތިމާސްކުރަމެވެ..،" ލޯކްރާފްޓް ލޯ ފާމްގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ތުހުމަތު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ފުރުސަތުނުދީ، މަޖިލީހުގެ ކޮމިޓީއެއްގައި ލައިވްކޮށް ސާބިތުނުހިފޭ ވާހަކަތައް ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އަދި މަޖިލީހުގައި ދައްކާ ވާހަކަތައް ވާންވާނީ ޒިންމާދާރުކަމާއެކު އެއްވެސް ފަރާތެއްގެ ގާނޫނީ ހައްގު ނުގެއްލޭ ގޮތަށް ދައްކާ ވާހަކަތަކަކަށް ކަމަށް ވަކީލުންގެ ބަޔާނުގައި ބުންޏެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް މިއަދު ވިދާޅުވީ ދާއޫދާއި އޭނާގެ އަންހެނުންގެ ބޭންކް އެކައުންޓް އެނަލައިޒް ކުރުމުން މއ. ތަޅަމުދިގޭގެ ކުލި، ދާއޫދާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާވަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަަމަވެސް އެ ގޭގެ ވެރިފަރާތަކީ ދާއޫދު ނުވަތަ އޭނާގެ އަންހެނުން ނޫން ކަމާއި އެ ގޭގެ ކުލި އެ ދެ މީހުންނަށް ލިބޭނީ، އެ ގެ ހެދުމަށް އެ ދެ ފަރާތުން އިންވެސްޓްކޮށްފައި ވުމުން ކަމަށްވާތީ އެފަދަ ބޮޑު އިންވެސްޓެއް ކުރުމަށް އޭނާއަށް ފަންޑު ލިބުނު ގޮތް ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ފާހަވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް އެއީ ސިއްރު ރިޕޯޓަކަށް ވާތީ އެ ރިޕޯޓްގައިވާ ކަންކަން ހާމަކުރެވެން ނެތްކަން ވެސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ، ވެސް ނާޒިމް ވަނީ ދާއޫދު ގުޅުވައިފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.
"މަޖިލީހާ ހިއްސަކޮށްފަ އެބައޮތް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު، އެ ރިޕޯޓްގައި ބަޔާންކޮށްފަ އެބައޮތް އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްމަކާއި ހިޔާނާތުގެ މައްސަލަަތަކުގައި ބައިވެރިވުމާއި، އެކަމުން މަންފާ ލިބުނުކަމަށް ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން ލިސްޓް، އެ ފަރާތްތަކަކީ ތަހުގީގަށް ލިބިފައިވާ މައުލޫތާތުތަކަށް ރިއާޔަތްކޮށް ޖިނާއީ ނުވަތަ މަދަނީ ދައުވާ އުފުލުމުގެ ފުރުސަތު އޮތް ފަރާތްތަކެއްކަން އެ ރިޕޯޓްގައި އެބައޮތް ބަޔާންކޮށްފަ. އެ ލިސްޓުގައި ފުލުހުންގެ ހިދުމަތުގައި މިހާރުވެސް ތިބި ދެ އޮފިސަރުން ކަމަށްވާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދު، ރިޓަޔާކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހްމަދު ޝުހާދު އާއި ހަސަން ހަބީބު ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ޕޮލްކޯގެ މައްސަލަ ކޮމިޓީން ބަލަން ފެށުމުން ވިސުލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެގެން އެ ދެމީހުންގެ އަނބީންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައިކަން ފާހަގަކުރެވޭ ކަމަށެވެ.
އޭގެ އިތުރުން އެ އެގްރީމެންޓް ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއް ވެސް އެ ކޮމިޓީއަށް ލިބިފައިވާތީ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާފައިވާ ފްލެޓް އިމާރާތަކުން ދާއޫދު އެޕާޓްމެންޓެއް ބައްލަވައިގެންފައިވާ ކަން އެނގޭ ކަމަށާއި އެއީ 4.1 މިލިއަން ރުފިޔާގެ އެޕާޓްމެންޓެއް ކަމަށްވެސް ބުނެފައިވެއެވެ. އެ އެޕާޓްމެންޓަށް 10 އިންސްޓޯލްމެންޓުން ނަގުދު ފައިސާ ދައްކައި ނިންމާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި ކަމަށާއި، ނަމަވެސް މިހާރު އެ އެޕާޓްމެންޓް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން 10.5 މިލިއަނާއި 4.1 މިލިއަން ރުފިޔާ އެއްކުރީމަ ޖުމުލަ ފައިސާގެ އަދަދު 14.6 މިލިއަން ރުފިޔާގެ އެސެޓް ކްރިއޭޓު ކޮށްފައިވާކަން އެނގޭ ކަމަށާއި، އެ އެ އެސެޓްތަކަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ބެެލެވޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް