މައިންގެ ފަރާތުން ތުއްތު ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ނުޖެހޭ ފުރަތަަމަ ގައުމަކަށް ރާއްޖެ ވެއްޖެއެވެ.
އެކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ވަނީ އިއުލާނުކޮށްފައެވެ. ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި މިއީ މި ތިން ބަލި މައިންގެ ފަރާތުން ތުއްތު ދަރިންނަށް އެރުން ހުއްޓުވުނު ފުރަތަމަ ގައުމެވެ. މައިންގެ ފަރާތުން ދަރިންނަށް އެޗްއައިވީ އާއި ސިފިލިސް ފެތުރުން ރާއްޖޭން ހުއްޓުވާފައިވާކަން 2019 ވަނަ އަހަރު އެ ޖަމިއްޔާއިން ވަނީ ބަލައިގެންފައެވެ.
މިކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވީ މައިންނާއި ކުޑަކުދިންގެ ސިއްހަތަށް ރާއްޖޭން ދެމެހެއްޓެނިވި ގޮތަކަށް އިންވެސްޓްކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި ރާއްޖޭގެ ޕޮލިޓިކަލް ވިލް ވަރުގަދަކަން އޭނާ ފާހަގަކުރެއްވިއެވެ.
މަންމައިންގެ ފަރާތުން ދަރިންނަށް ފެތުރޭ ބަލިތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން މީހުންނަށް އަސަރުކުރާ ކަމަށާއި ހަމައެކަނި ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ސަރަހައްދުގައި، ހަމައެކަނި މިދިޔަ އަހަރު 23،000 އަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ސިފިލިސް ޖެހި، 8000 އަށްވުރެ ގިނަ ކުދިން ވިހާފައިވަނީ ސިފިލިސްއާއެކު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެޗްއައިވީ ޕޮޒިޓިވް 25،000 މާބަނޑު އަންހެނުންނަށް އެމީހުންގެ ފަރާތުން ދަރިންނަށް ބަލި ފެތުރުން ހުއްޓުވުމަށް ފަރުވާ ބޭނުންވި ކަމަށެވެ. އަދި އޭގެ އިތުރުން ހެޕަޓައިޓިސް ބީގެ ސަބަބުން އެ ސަރަހައްދުގައި 42 މިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރުކުރަމުންދާ ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެއަށް ލިބިފައިވާ މި ކާމިޔާބަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ރައްޔިތުންނަށް އެކަށީގެންވާ ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތުގެ ސަބަބުން ލިބިފައިވާ ކާމިޔާބީއެކެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މާބަނޑު އަންހެނުންގެ 95 ޕަސަންޓަށްވުރެ ގިނަ މީހުން ވިހެއުމުގެ ކުރިން މާބަނޑު ދުވަސްވަރު ފަރުވާ ހޯދައެވެ. އަދި އެންމެންވެސް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ޓެސްޓުކުރާ ކަމަށެވެ. ރާއްޖޭގައި ވަރުގަދަ އިމިއުނައިޒޭޝަން ނިޒާމެއް ގާއިމުވެފައިވާ އިރު، އަލަށް އުފަންވާ 95 ޕަސަންޓަށްވުރެ ގިނަ ކުދިންނަށް ވަގުތުން ހެޕަޓައިޓިސް ބީ ވެކްސިން ދެވި، ފުރިހަމައަށް ވެކްސިން ކަވަރޭޖުދޭ ކަމަށެވެ. މިއީ ކުދިން އުމުރު ދުވަހަށް ބަލި ޖެހުމުން ސަލާމަތްކުރުމަށް ކުރެވޭ ކަމެއް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން، 2022 އަދި 2023 ގައި އެޗްއައިވީ ނުވަތަ ސިފިލިސްއާއެކު އެއްވެސް ކުއްޖަކު އުފަންނުވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ފާހަގަކޮށްލެވޭ ކާމިޔާބެއް ކަމަށެވެ.
"މި ތާރީހީ ކާމިޔާބީ ހާސިލުކުރުމުގައި ދެމިތިބެ މަސައްކަތްކުރި އެންމެހާ ސިއްހީ ފަންނުވެރިންނާއި، މުޖުތަމައުގެ ފަރާތްތަކާއި، ބައިވެރިންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަމެވެ." ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އާއިޝަތު މާހާ
ކުޅިވަރު
އިރާން
ބޮލީވުޑް
ދުނިޔެ