ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ޅ. އޮޅުވެލިފުށީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.

އޭޓީއެމް ހިދުމަތް ތައާރަފުކުރުމަށް އޮޅުވެލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އޮޅުވެލިފުށީގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާއެކު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލުވެފައިވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށާއި އެއީ ވަރަށްވެސް ހާއްސަ ކާމިޔާބީއެއް ކަމަށެވެ.

"މިއަދު އޮޅުވެލިފުށީގައި އޭޓީއެމް ހިދުމަތް ފެށުމާއެކު، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑިވެސް މިވަނީ ހާސިލުކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިންމުމަށް ބީއެމްއެލުން ވަނީ އަމާޒު ހިފައިފައެވެ. އެ އަމާޒަށް ވާސިލުވުމަށް ބީއެމްއެލުން ދެން އޭޓީއެމް ހިދުމަތް ގާއިމުކުރަން ޖެހޭނީ ދެކުނުގެ ނުވަ ރަށެއްގައެވެ. އެއީ ލ. އަތޮޅުގެ ހަތް ރަށެއް އަދި އައްޑޫ ސިޓީގެ ދެ ރަށެއްގައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފްސާވިސް ބޭންކިން ސެންޓަރު، 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.