ފޮނަދޫ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިކުރި ލ. ފޮނަދޫ ސަންސައިޑް މުހައްމަދު ފާއިގަށް ފަސްލައްކަ ރުފިޔާދޭން ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ފާއިގު ފޮނަދޫ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ވަޒީފާއިން ވަކިކުރެވިދާނެ ފަދަ އެކަށީގެންވާ ސަބަބައްނެތި، އެއްވެސް މުއްދަތެއް، އަދި އިސްލާހީ ފިޔަވަޅެއް އެޅުމަކާ ނުލައި ނޯޓިސްއެއް ވެސް ނުދީ 18 ޖުލައި 2024 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ ސީއެސްސީގެ މައްޗަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ފާއިގު އެދިފައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާއި ކަމާ ގުޅޭ ގާނޫނީ އުސޫލުތަކާ ހިލާފަށް، ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، ވަޒީފާ އިއާދަކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން ސީއެސްސީގެ ފަރާތުން ފާހަގަކޮށްފައިވަނީ ފާއިގު، އޭނާގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް ފޮނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 19 ވަނަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށާއި އޭނާގެ އިތުބާރު ނެތްކަމަށް ބުނެ ހަތް މައްސަލައެއް ފާހަގަކޮށް ފޮނަދޫ ކައުންސިލުން 13 މެއި 2024 ގައި ސީއެސްސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގެ ތެރެއިން ތިން މައްސަލަ މަދަނީ މިންގަނޑުން ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ފާއިގު ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސާވިސްގެ ގަވާއިދަށް ރިއާޔަތްކޮށް، ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ކަމަށާއި ފާއިގު ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިކުރީ އިތުބާރު ނެތުމުން ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި ދެފަރާތުގެ ވާހަކަތަކަށާއި ހުށަހެޅުންތަކަށް ބެއްލެވުމަށްފަހު ޓްރައިބިއުނަލުން ނިންމާފައިވަނީ ފާއިގު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒިފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތިކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ފާއިގު ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާ ސަބަބަށްޓަކައއި، ވަޒީފާއާބެހޭ ގާނޫނަށް ރިއާޔަތްކޮށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ފާއިގު ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް ދެ އަހަރާއި ހަތަރު މަހާއި 10 ދުވަހުގެ މުސާރަ އާއި އިނާޔަތްތަކަށްވާ 548،391.7 ރުފިޔާ އަކީ ސީއެސްސީން ފާއިގަށް ދޭންޖެހޭ ފައިސާކަމަށް ވަނީ ކަނޑައަޅައިފައެވެ.

އަދި އެ ނިންމުންތައް 30 ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޒުކުރުމަށްފަހު އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސީއެސްސީއަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.