އިންޑިއާގައި ދެ ބްރޭންޑެއްގެ ކޯފް ސިރަޕް ބޭނުން ނުކުރަން އަންގައިފިއެވެ.

އިންޑިއާގެ ޓަމިލްނާޑޫގައި ކޯފްސިރަޕް ބުއި 17 ކުއްޖަކު މަރުވި މައްސަލައިގެ ތަހުގީގު ކުރިޔަށްދާއިރު އެގައުމުގެ އިދާރާތަކުން ވަނީ އެމައްސަލައާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައެވެ.

އިންޑިއާގެ ކަމާބެހޭ އިދާރާއިން ވަނީ ދަ ރެސްޕިފްރެޝް އާއި ރިލައިފް ބްރޭންޑުގައި ޑައިތެލިން ގްލައިކޮލް ކިޔާ މާއްދާއެއް ހިމެނިފައިވާ ކަމަށް މިހާތަނަށް ތަހުގީކަށް ފާހަގަވެފައިވެއެވެ. އޮފިޝަލުން ވަނީ ޑައިތެލިން ގްލައިކޮލްގެ ސަބަބުން ވިހަވެ ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވާކަމަށް ފާހަގަވެފައިވާކަމަށް ބުނެފައެވެ. އެގޮތުން ކިޑްނީ ފެއިލްވުމާއި ނާރުގެ މައްސަލަތަކުގެ އިތުރުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތްކަމަށް އޮފިޝަލުން ބުނެއެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ''ޑަބްލިއުއެޗްއޯ'' އިން ވަނީ އިންޑިއާގެ އިދާރާތަކާ ގުޅިގެން އެމައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން ނުރައްކާ ފާހަގަވެފައިވާ ކޯފްސިރަޕް އެގައުމުން އެކްސްޕޯޓުކޮށްފައިވޭތޯ ބަލަމުން އަންނަ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.

އިންޑިއާގެ އޮފިޝަލުން ވަނީ މައްސަލަ ފާހަގަވެފައިވާ އެއްވެސް ކޯފް ސިރަޕެއް އެގައުމުން ބޭރުވެފައި ނުވާކަމަށާއި ހަމައެކަނި ބޭނުންކޮށްފައިވަނީ ގުޖުރާތު ސްޓޭޓުގައި ކަމަށް ބުނެފައެވެ.

މައްސަލަ ޖެހިފައިވާ ކޯފްސިރަޕް އުފެއްދި ކުންފުނި ބަންދުކޮށް ފެކްޓްރީތައް ތަހުގީގުކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.