އަންނަ އަހަރުގެ ތެރޭގައި މަހިބަދޫގައި 150 ހައުސިން ޔުނިޓުގެ މަޝްރޫއަކާއި 50 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ. މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާފަރުފަޅު ހިއްކުމުގެ މަޝްރޫއު ނިމެންދެން ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް މިހާރުން މިހާރަށް ވެސް ހައްލުތަކެއް ގެނައުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އެގޮތުން މަހިބަދޫގައި މިހާރު އޮތް ބިމުގެ ތެރެއިން ހައުސިން ޔުނިޓުގެ ޕްރޮޖެކްޓެއް ހިންގުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ހަދާ އިރުގައި، އޭގެ ތެރޭގައި ހިމަނާ މަޝްރޫއުތަކުގެ ތެރޭގައި މި ރަށުގައި 150 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހިމަނައި، އިރާދަކުރެއްވިއްޔާ އެންމެ ކުރީކޮޅު ފެށިގެންދާ ހައުސިން ޔުނިޓު މަޝްރޫއެއްގެ ގޮތުގައި މި ރަށުގައި 150 ޔުނިޓު އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފައްޓައިދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއާއެކު، މިހާރު އޮތް ބިމުން ބޯހިޔާވަހިކަމަށް މިހާރުން މިހާރަށް އެ އަންނަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ކަމަށާއި ދުރު ރާސްތާގައި ބިން ހިއްކިގެން އިތުރު ތަރައްގީ އަންނާނެ ކަމަށެވެ. އަދި މަހިބަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް ހެދުމަށް ބޭރުގެ އެހީ ހަމަޖެހިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ ފަންޑުގެ ޕްރޮސެސްގެ ތެރެއިން ގޮސް، މި އަންނަ އަހަރުގެ ކުރީކޮޅު މި ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. ބޭރު ފަންޑެއް ވީމަ، އޭގައި އޮވޭ ޑިއު ޕްރޮސެސްތަކެއް. ބޭރުގެ ފަންޑުތަކުގައި އޮވޭ ތަންކޮޅެއް ދިގު މަރުހަލާތަކެއް. އެހެންވީމާ އެކަމުގައި އިތުރު ވަގުތުކޮޅެއް ނަގަމުންދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަރުހަލާތައް ނިމި، ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅުގައި ފެށިގެންދާނެ ކަމަށާއި އެއީ މަހިބަދޫގެ އިތުރުން މުޅި އަތޮޅަށް ވެސް ލިބޭ މުހިންމު ކުރިއެރުމަކަށް ވާނެ ކަމަށެވެ.