މެލޭޝިޔާގެ ހަ ސްޓޭޓަކަށް ބިންހެލުމުގެ ނުރައްކާ އޮތްކަމަށް ކަނޑައަޅައިފިއެވެ.

މެލޭޝިޔާގެ ދެކުނުން އޮންނަ ޖޮހޯރް ސްޓޭޓަށް ފާއިތުވެދިޔަ ދެމަސް ދުވަހު އައި ކަމަށް ރެކޯޑުކުރެވިފައިވާ ކުދި ބިންހެލުންތަކުގެ ސަބަބުން އެގައުމުގެ ހަ ސްޓޭޓަކަށް ބޮޑު ބިންހެލުމެއް އަތުވެދާނެ ކަމުގެ ނުރައްކާ އޮތް ކަމަށް މެލޭޝިޔާ ސަރުކާރުގެ ޖިއޮލޮޖިކަލް އެޖެންސީއިން ހާމަކޮށްފައިވެއެވެ.

މެލޭޝިޔާ ސަރުކާރުގެ ޖިއޮލޮޖިކަލް އެޖެންސީއިން ކޮށްފައިވާ ދިރާސާއަކުން ވަނީ އެގައުމުގެ ޕަހަންގް އާއި ތެރެންގަނޫގެ އިތުރުން ޕެރަކް އާއި ނެގެރީ ސެމްބިލިއަން ސަރަަހައްދަށް ނުރައްކާ އޮތް ކަމަށް ބުނެފައިވެއެވެ.

ޖުމްލަ 13 ސްޓޭޓެއް ހިމެނޭ މެލޭޝިޔާގެ ސަރުކާރުގެ ޖިއޮލޮޖިކަލް އެޖެންސީއިން އާންމު ކުރި އެމައުލޫމާތާ ގުޅިގެން އޮފިޝަލުން ވަނީ އެގައުމު ހިމެނޭ ސަރަހައްދުގެ ޓެކްޓޯނިކް ހަރަކާތްތައް ގިނަ ވެފައިވާ ކަމަށާއި އެއީ ބިންހެލުމެއްގެ އަލާމާތެއް ކަމަށް ބެލެވޭ ކަންކަން ކަމަށް ބުނެފައެެވެ.