ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސް ޖަލްސާތަކުގައި ހެދުން އެޅުމުގެ އުސޫލު ކަނޑައަޅައި، އުސޫލާ އެއްގޮތަށް އަމަލު ނުކުރާ މެންބަރުންނަށް ފިޔަވަޅު އަޅަން މަޖިލިސް ގަވާއިދުގައި ހިމަނަން ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކުރި އުސޫލުގައި ބުނެފައި ވަނީ، މެންބަރުން މަޖިލިސް ޖަލްސާތަކުގައި ތިބެން ވާނީ ރަސްމީ ހެދުމެއްގައި ކަމަށެވެ.

ރަސްމީ ހެދުން ކަަމަށް ބަޔާންކޮށްފައި ވަނީ، ރާއްޖޭގައި ރަސްމީކޮށް ހެދުން އެޅުމަށް ބޭނުންކުރާ ކޯޓު ފަޓުލޫނު، ގަމީހާއި ޓައީ އާއި ފަޓުލޫނު، ގައުމީ ހެދުން ނުވަތަ ދިވެހި ސަގާފީހެދުން، ރާއްޖޭގައި ހެދުން އެޅުމުގެ އާއްމު އަދަބާހިލާފު ނުވާގޮތަށް ހުންނަ ރަސްމީ ހެދުން ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހަށް އައުން ހުއްދަ ނޫން ހެދުން ވެސް މި އުސޫލުގެ ދަށުން ވަނީ ކަނޑައަޅައިފައެވެ.

ހުއްދަ ނޫން ހެދުމުގެ ތެރޭގައި ހިމެނެނީ، ހަންގަނޑު ފާޅުވާފަދަ ތުނިހެދުމާއި ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުމާއި އަހުލާގީ ގޮތުން އެކަށީގެންނުވާ ހުތުރުބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުމެވެ. އަދި އެއްވެސް ބާވަތެއްގެ ޖިންސެއް، ގިނަ ޖީބު ލާފައި ހުންނަ ދިގު އަދި ކުރު ހަރުވާޅު، ޓީޝާޓު ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުން ވެސް ހިމެނެއެވެ. އަދި ފެން ފައިވާނާއި ޓެނިސް، ޖޮގިން ޝޫޒް ވެސް އޭގެ ތެރޭގައި ހިމަނާފައިވެއެވެ.

މި އުސޫލުގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ހުވައިކުރުމުގެ ރަސްމިއްޔާތުތަކާއި ރިޔާސީ ބަޔާން އިއްވާ ޖަލްސާތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރުމުގެ ޖަލްސާތަކަށް މެންބަރުން ވަޑައިގަންނަވާނީ ކޯޓު ފަޓުލޫނު ނުވަތަ ގައުމީހެދުން ނުވަތަ ސަގާފީ ހެދުމުގައި ކަމަށެވެ.

މެންބަރުންގެ އިތުރުން މަޖިލީހަށް ވަދެ ތިބޭ އެހެން ފަރާތްތަކުން ވެސް އަމަލުކުރަންވާނީ މި ގަވާއިދާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

މިއުސޫލާ ހިލާފްވާ މެންބަރުންނަށް މަޖިލިސް ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ފިޔަަޅު އެޅޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

އެ މާއްދާގެ ދަށުން އެޅޭނެ ފިޔަވަޅުތައް:

  • އެމަލު ކުށްވެރިކޮށް، އެކަމާ ގުޅޭގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވައި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުން.
  • މެންބަރު އެކުރީ މަޖިލީހުގެ ގަދަރަށް އުނިކަންލިބޭ ކަމެއްކަންބަޔާންކޮށ،ް އެކަން ކުށްވެރިކޮށ،ް މަޖިލީހުގެ ތަޅުމުގައި އެކަންއިއުލާންކޮށ،ް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން.
  • ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމިޓީތަކުގެ ބައްދަލުވުމުގައިބައިވެރިވުން މަހްރޫމްކުރުން
  • މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމްކުރުން.

ކޮމިޓީން ފާސްކުރި މި އުސޫލު މަޖިލިސް ގަވާއިދުގައި ހިމަނައި އަމަލްކުރަން ފަށާނީ މަޖިލީހުން ފާސްކޮށްގެންނެވެ.