އދ. ހަންޏާމީދޫގެ ބައެއްގެ ގޮތުގައި އެ ރަށާއި ކައިރީގައި އޮންނަ ފަޅެއް ކަމަށްވާ އުތުރުއަތަފަރު ހަމަޖައްސަވައިދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ އަތޮޅު ހަންޏާމީދުއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، ހަންޏާމީދުއަކީ ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރާ ރަށެއް ކަމަށާއި އެ ރަށަކީ ފަތުރުވެރިކަމުން ބޮޑު މަންފާއެއް ހޯދާ އަދި ދައުލަތަށްވެސް އެކަމުން މަންފާކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށެވެ.
ހަންޏާމީދޫގެ ފަތުރުވެރިކަމަށް ސަރުކާރުން އެހީތެރިވެދޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އުތުރުއަތަފަރަކީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ރަށް ކައިރީގައި މި އޮންނަ އުތުރުއަތަފަރު މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި އިރާދަކުރެއްވިއްޔާ އެކަމުގެ ގަރާރު ވަރަށް އަވަހަށް ނެރޭނެކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދަނީ އުތުރުއަތަފަރު ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިޖުރާއީ ކަންކަމާއި ގާނޫނީ ކަންކަން ފުރިހަމަކުރުން ކަމަށާއި އެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހަންޏާމީދޫގައިވެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓަވައިދެއްވާނެ ކަމަށެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު