ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމުގައި މީޑިއާގައި މަސައްކަތް ކުރާ މީހުންގެ ގާބިލުކަން އިތުރުކޮށް އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ރާއްޖޭގައި ފަށައިފިއެވެ.

"ސުލްހައިގެ ނޫސްވެރިން" ގެ ނަމުގައި އިއްޔެ ފެށި އެ ޕްރޮގްރާމަކީ ކައުންޓާ ޓެރަރިޒަމާއި މެދުމިނުގެ ވިސްނުންތަކާ ބެހޭ މައުލޫމާތު ފެތުރުމުގައި މީޑިއާގައި މަސައްކަތް ކުރާ މީހުންގެ ގާބިލިއްޔަތު އިތުރުކޮށް, އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށްޓަކައި އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން އިސްނަގައިގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމުގެ ބައެކެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި މީޑިއާތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މީޑިއާގައި މަސައްކަތް ކުރާ 30 މީހުން ބައިވެރިވެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު މިޒްނާ ވިދާޅުވީ, މި ތަމްރީން ޕްރޮގްރާމަކީ އައިއެމްސީޓީސީ އާއި ރާއްޖޭގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ހަރުކަށިފިކުރާ ދެކޮޅަށް މީހުންގެ ގާބިލުކަން އިތުރުކުރުމަށް ސައުދީ އަރަބިއާގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މިޒްނާގެ ވާހަކައިގައި ހަރުކަށިފިކުރާއި ނަފުރަތު ފެތުރުމާ ދެކޮޅު މުޖުތަމައުތަކެއް އުފެއްދުމަށާއި އެކަމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރާ މަސައްކަތްވެސް ފާހަގަ ކުރެއްވިއެވެ.

މީޑިއާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނާއި ނޫސްވެރިންނާއި ތައުލީމީ ދާއިރާގެ މީހުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ކޮންޓެންޓް އެނަލައިޒްކޮށް, ހަރުކާށި ފިކުރުގެ ވާހަކަތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ނަފުރަތު އުފެއްދުމުގެ ވާހަކަތައް ހުންނަ ގޮތް ދެނެގަތުމާއި އެ ކަންތައްތައް ހައްލުކުރުމަށް ބުއްދިވެރި ޕްރޮފެޝަނަލް ގޮތްތައް ބޭނުންކޮށްގެން ކޮންޓެންޓް އެނަލިސިސް އާއި ދޮގު ހަބަރުތަކުގެ މަސްދަރު ހޯދުމާއި ޒަމާނީ ޑިޖިޓަލް ވެރިފިކޭޝަން ޓޫލްތައް ބޭނުންކުރާނެ ގޮތް ކިޔައިދޭނެއެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރުގެ ވާހަތަކުގެ ސަބަބުން ކުރާ ނަފުސާނީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކާމެދު ހޭލުންތެރިކަން އުފެއްދުމަށާއި މީޑިއާ ރިޕޯޓްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޒިންމާދާރު ތަހުލީލީ ރިޕޯޓްތައް ލިޔުމުގައި ބައިވެރިންގެ ހުނަރު އިތުރުކޮށް, ފިކުރީ އަދި އިޖުތިމާއީ ރައްކާތެރިކަން ގާއިމުކުރުމަށް އެފަދަ ރިޕޯޓްތައް ލިޔާނެ ގޮތުގެ ހުނަރު އިތުރުކުރުމަކީވެސް މި ޕްރޮގްރާމުގެ އަމާޒެކެވެ.

އައިއެމްސީޓީސީއަކީ ސައުދީ އަރަބިއާގެ ސަރުކާރުން އިސްނަގައިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި ރާއްޖެ ހިމެނޭހެން 42 މެންބަރު ގައުމެއް އޮވެއެވެ.

އެ ޖަމިއްޔާއިން ދަނީ މީޑިއާއާ ހޭލުންތެރިކުރުވުމާއި ތައުލީމުގެ ދާއިރާތަކުގައި މެންބަރު ގައުމުތަކުގެ މެދުގައި ގާބިލިއްޔަތުކަން އުފައްދައި ގުޅުންތައް ވަރުގަދަކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވޭ ފިކުރިއްޔާތާއި މީޑިއާ މަސައްކަތްތައް އެއްބައިވަންތަކުރުމާއި ގައުމުތަކުގެ މެދުގައި ސުލްހައާއި އެކީގައި އުޅުމުގެ ސަގާފަތެއް އާލާކުރުމަކީ އައިއެމްސީޓީސީގެ ތަސައްވުރެވެ.