ނިއުކްލިއާ މަޝްރޫއާ ގުޅުވައި ހުޅަނގުގެ ގައުމުތަކުން އީރާނަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ރާއްޖޭން ދެކޮޅު ހަދަން އެދިވަޑައިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޝީ ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ސްރީ ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަރަގްޝީ އެފަދަ ސިޓީއެއް ފޮނުވިކަން ހާމަކުރެއްވީ ރާއްޖެ އާއި ލަންކާއާ ދެ ގައުމަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީރިޒާ ޑިލްކުޝްއެވެ. އެ ސިޓީ ރާއްޖޭގެ އިތުރުން ލަންކާއަށްވެސް ފޮނުވާފައިވެއެވެ.

ސަފީރާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި އެ ސިޓީގައި އޭނާ އެދިވަޑައިގަތީ ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން އީރާނަށް އެޅި ފިޔަވަޅުތަކާ ރާއްޖެ އާއި ލަންކާއިން ވެސް ފާޅުގައި ދެކޮޅު ހެދުމަށެވެ.

ރާއްޖެއަށާއި ސްރީ ލަންކާއަށް އީރާނުން މިފަދަ ސިޓީއެއް ފޮނުވީ ހުޅަނގުގެ ގައުމުތަކުން އދ. މެދުވެރިކޮށް، އީރާނަށް ދަތިކުރާ "ސްނެޕްބެކް މެކޭނިޒަމް"ގެ ނަން ދީފައިވާ ފިޔަވަޅުތައް ސެޕްޓެމްބަރު 28 ގައި އދ. އިން ތަންފީޒުކުރަން ފެށުމުންނެވެ.

ރާއްޖެއަށާއި ސްރީ ލަންކާއަށް ފޮނުއްވި ސިޓީގައި އަރަގްޝީ ފާހަގަކުރެއްވި ގޮތުގައި މިއަދު އީރާނަށް އެކަނި ފިޔަވަޅު އެޅިޔަސް، ކުރިއަށް އޮތް ތަނުގައި ދެކުނު އޭޝިއާގެ ގައުމުތަކަށްވެސް ހަމަ އެފަދަ ފިޔަވަޅުތައް އަޅާފާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ހޯދުމަށް ގުޅައި މެސެޖް ކުރި ނަމަވެސް ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.