"ލޫޓުވައިފި ލޫޓުވައިފި" ގެ ނައުމުގައި އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން ވަނީ، އެ މުޒާރާ ކުރުމަށް ވެފައިވާ އެ އެއްބަސްވުމާ ހިލާފުވެފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިހެން ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން، ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިރު ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޝާހިދު ވިދާޅުވެފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެމްޑީޕީއަށް ތާއީދުކުރާ މީހުންނާއި ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އެލްއާރްއޭޑީ ބޭނުންކޮށްފައިވާ ކަމަަށާއި އެއީ އޭނާ ދެކޮޅު ރައްދުވާ ކަމެއް ކަަމަށެވެ.

"އެލްއާރްއޭޑީ އިން 170 ޑެސިބަލް އަށް ވުރެ ގިނަ އަޑުތައް އުފައްދާ އިރު، އޭގެ ސަބަބުން ދާއިމީ ގޮތެއްގައި އަޑުއިވުމުގެ ސަބަބުން ބޮލުގައި ރިއްސުން އަދި ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ. މީގެ އިތުރުން، މީގެ ކުރިން ޓްރޯމާ ތަޖުރިބާ ކޮށްފައިވާ މީހުންނަށް އެންޒައިޓީ، ބިރުވެރިކަމާއި، ޓްރޯމާ ފަދަ ކަންކަން ކުރިމަތި ކުރުވައެވެ،"

ޝާހިދު ވިދާޅުވީ، މި ޑިވައިސްތައް ބޭނުން ކުރުމަކީ ރައްޔިތުންގެ އިހުތިޔާރު ނިގުޅައިގަތުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެ ފިޔަވަޅު އެޅުމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދުގެ މި ޓްވީޓް ޕޯސްޓް ކުރައްވައި ހަލީލު ވިދާޅުވެފައިވަނީ، މުޒާހަރާއާ ބެހޭގޮތުން އެމްޑީޕީއާ މަޝްވަރާކުރުމަށްފަހު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މުޒާހަރާ ކުރަން ކަނޑައެޅީ ބޮޑުތަކުރުފާނު މަގު ކަމަށެވެ.

ނަމަވެސް ޕާޓީގެ ލީޑަރުންގެ އިރުޝާދުގެ ދަށުން މުޒާހަރާގެ ބައިވެރިން، އެ އެއްބަސްވުމާ ހިލާފުވެ، މަޖީދީ މަގަށް ވަދެ، ބެރިކޭޑްތަކުގައި ތަޅައި ފުލުހުންގެ އައްޑަނަ އަތުލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އޭގެ ސަބަބުން ފުލުހުންނަށް ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅި، ނަމަވެސް ފުލުހުން އަމަލު ކުރަމުން ދިޔައީ އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުންނާއި މަޑުމައިތިރިކަމާ އެކުގައެވެ،"

ހަލީލު ވަނީ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އެދިވަޑައިގެންފައެވެ.