އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅައި ބަހުސް ފަށައިިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.

މި ގަރާރުގައި ބުނެފައިވަނީ، ފެނަކައަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި އިރު 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޕަރޭޝަނަށް މުދަލާއި ހިދުމަތް ހޯދަން އެކި ފަރާތްތަކާއެކު އުސޫލުން ބޭރުން އެއްބަސްވުންތައް ހަދައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވާ ކަމަށެވެ.

ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން 2021 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނަސްފައިވާ އިރު، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ތެރޭގައި ހިންގާފައިވާ ވައްކަންތަކަކީ އޭރުގެ ސަރުކާރުގެ އިސްވެރިންގެ އެނގުމުގެ ތެރެއިން ހިންގާފައިވާ ވައްކަންތަކެއް ކަަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެކަންކަން ހުއްޓުވުމަށްޓަކައި އޭރުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަން އިން އެ މުއްދަތުގައި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން ދެ ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށާއި މިއީ ޖުމްލަ 673 އެއްބަސްވުމެއްގެ ދަށުން ހިންގާފައިވާ ކަންކަމާއި މި އެއްބަސްވުންތަކުގެ ތެރެއިން ގިނަ އެއްބަސްވުންތައް ހަދާފައިވަނީ އާއްމު އުސޫލުން ބޭރުން ކަމާއި އެގޮތުން މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާއްމުކޮށް އިއުލާނުކުރުމެއްނެތި، މިކަން ކޮށްފައިވަނީ ފެނަކަ ބޭނުންގޮތަކަށް، މަސައްކަތް ހަވާލުކުރާނެ ބަޔަކު ކުރިން ކަނޑައަޅާ ނިންމުމަށްފަހު،"

އެހެންކަމުން ފެނަކަ މައްސަލައިގައި ވަރަށްބޮޑެތި ވައްކަމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާއިރު، މިކަމަކީ ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ކުންފުންޏަކުން ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.

"ފެނަކަ ކޯޕަރޭޝަންގެ 2.2 ބިލިޔަން ރުފިޔާގެ މި ވައްކަމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އެފްޕީއައިޓީގެ ހިޔާނާތަށްވުރެވެސް ފައިސާގެ އަދަދުގެ ގޮތުން ބޮޑު ހިޔާނާތެއްކަމަށް ދިވެހި ގިނަ ރައްޔިތުން ތުހުމަތުކުރަމުންދާއިރު، މިކަންކަން މިހެން ހިނގާފައި އޮތުމުން، އެ ފައިސާއިން ކުރި ހަރަދުތަކާއި ހަރަދުކުރި ބޭނުމާއި އަދި އެފައިސާ ހަރަދުކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ބޭނުމަށްކަން ކަށަވަރުކުރެވިފައިނުވާތީ، ފާޅުކަންބޮޑުގޮތެއްގައި ފެންނަންއޮތީ ރައްޔިތުންގެ ފައިސާއަށް ބޮޑު ހިޔާނާތެއްވެފައިވާކަން ކަަމަށް ފާހަގަކުރެވޭތީ، ދައުލަތުގެ އިދާރާތަކުން މިކަންކަން އިތުރަށް ބަލައި ފިޔަވަޅުތައް އެޅުމަށް ގޮވާލަން،"