ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒު، ދިވެހި ވަތަނީ ހިދުމަތް (ނޭޝަނަލް ސާވިސް ޕްރޮގްރާމް) އިފްތިތާހުކޮށްދެއްވައިފިއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ، ނޭޝަނަލް ސާވިސް ޕްރޮގްރާމް އިފްތިތާހުކުރެއްވުމުގެ ގޮތުން އެ ހިދުމަތުގެ ދިދަ ހަވާލުކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވަނީ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާ އޮފިސަރުންނާއި ދަރިވަރުން ވެސް އެ ހިދުމަތުގެ ހުވާކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފުރިހަމަ ތަރައްގީ ހާސިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެން ކަމަށެވެ. އަދި ގައުމު ދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، ބޮޑެތި އުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމުކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ތަމްރީނުގެ ބައިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ، މި ތަމްރީނަކީ، އެ ބައިވެރިންގެ މުސްތަގުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށްދިއުމަށެވެ. އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ގައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.
މިއަދު ފެށި، ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. އެ ތަމްރީނުގައި ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތައުލީމު، ލީޑާޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އޭގެ އިތުރުން ފަސްޓް އެއިޑް، ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ދައުލަތުގެ އިއްޒަތްތެރިންނާއި، ވަޒީރުންނާއި، ސަރުކާރާއި އެމްއެންޑީއެފްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޑިފެންސް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން ތަމްރީނުގެ ފުރަތަމަ ބުރުގައި 343 ބައިވެރިން ތަމްރީނުތައް ފުރިހަމަކުރާނެއެވެ. އެއީ ރާއްޖޭގެ 107 ރަށަކުން، އުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުންނެވެ.
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ހިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެމުން ގެންދާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. ނޭޝަނަލް ސާވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު