ސްރީ ލަންކާގެ ސިލޯން ޓީ ދުނިޔޭގެ ރެކޯޑުފޮތަށް އަރައިފިއެެވެ.

ލަންކާގެ ސިލޯން ޓީ ދުނިޔޭގެ ރެކޯޑު ފޮތަށް އަރާފައި މިވަނީ އެ ގައުމުގެ ނިއު ވިތަނަކަންޑެ ޓީ ފެކްޓްރީން އުފައްދާ ސަޔެއް ތައްޔާރުކުރަން ބޭނުންކުރާ ސައިފަތް ދުނިޔޭގެ މިހާތަނަށް އެންމެ އަގުބޮޑު ސައިފަތުގެ ގޮތުގައި ހިމެނުމުންނެވެ.

ރެކޯޑު ގާއިމުކުރުމަށް ލަންކާގެ ނިއު ވިތަނަކަންޑެ ޓީ ފެކްޓްރީން އުފައްދާ ޕްރިމިއަމް ސިލޯން ބްލެކް ޓީ ވަނީ ޖަޕާނުގައި އަގުބޮޑުކޮށް ވިއްކާފައެވެ.

އޮފިޝަލުން ބުނާގޮތުގައި ލަންކާގެ ނިއު ވިތަނަކަންޑެ ޓީ ފެކްޓްރީގެ ޕްރިމިއަމް ސިލޯން ބްލެކް ޓީ ވިއްކާފައިވަނީ ކިލޯއެއް 252،500 ރުޕީސް އަށެވެ. މިއީ މިހާތަނަށް ދުނިޔޭގައި ސައިފަތް ވިއްކިކަމަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު އަގެވެ.

ފެކްޓްރީން ވަނީ އެ ކުންފުނިން އުފައްދާ ޕްރިމިއަމް ކޮލެޓީ ސައިފަތުގެ މަގުބޫލުކަން ދުނިޔޭގެ މާކެޓުގައި އިތުރަށް މަތިވެ ކޮލެޓީ ސައިފަތް މާކެޓުގައި ކާމިޔާބު ހޯދަން ފަށައިފިކަމަށް ބުނެފައެވެ.

ސައިފަތާ ގުޅޭ ރެކޯޑުތަކުގެ ތެރެއިން މީގެ ކުރީން ވެސް ލަންކާއިން ވަނީ ރެކޯޑުފޮތަށް އަރައިފައެވެ. އެގޮތުން 2010 ވަނަ އަހަރު ލަންކާގައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ސައިތަށި ދައްކާލައި ރެކޯޑުފޮތުން ޖާގަހޯދައިފައެވެ.