ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އޭރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދުގެ އާއިލީ ތިން ކުންފުންޏަށް ޖުމްލަ 49.7 މިިލިއަން ރުފިޔާގެ ކޮންޓްރެކްޓް މަސައްކަތް ދީފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓު އޮފީހުން ރޭ ނެރެފައިވާ ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓުގައިވާ ގޮތުން އެކުންފުނިތަކާއެކު މުދަލާއި ހިދުމަތް ހޯދުމުގެ 92 އެއްބަސްވުމެއް ވަނީ ހަދާފަ އެވެ. އެ ކުންފުނިތަކަކީ:

  • ޝެލްޓާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް؛ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެކުންފުންޏާއެކު 84 އެއްބަސްވުމެއް ވަނީ ހަދާފައި، އެއީ 22.2 މިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބިޑަށް ހުޅުވައިލުމަކާ ނުލައި. އެ މަސައްްކަތްތަކަށް 16.4 މިލިޔަން ވަނީ ދޫކޮށްފައި.
  • ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް؛ އެކުންފުންޏާއެކު ހަ އެއްބަސްވުމެއް ހަދާފައިވޭ. އެއީ 15.7 މިލިޔަން ރުފިޔާގެ މަސައްކަތް. އެކުންފުންޏަށް 10.1 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ
  • ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް؛ އެ ކުންފުންޏާއެކު ހަދާފައިވަނީ ދެ އެއްބަސްވުމެއް. އެއީ 11.6 މިލިޔަން ރުފިޔާގެ މަސައްކަތް. އެކުންފުންޏަށް 4.5 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެކުންފުނިތަކަށް ދޫކުރި ޖުމްލަ ފައިސާގެ އަދަދަކީ 31.1 މިލިއަން ރުފިޔާ އެވެ.

އެއިން ދެ ކުންފުންޏަކީ ސައީދުގެ ޅިޔަނުންގެ ދެ ކުންފުންޏެވެ. އަދި ދެން އޮތް ކުންފުންޏަކީ ޅިޔަނެއްގެ ދަރިއެއްގެ ނަމުގައިވާ ކުންފުންޏެކެވެ.

ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި ކަމަށް އޮޑިޓު ރިޕޯޓުންވަނީ ދައްކާފަ އެވެ.

އެ ކޯޕަރޭޝަނަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމާއި މަސައްކަތް ހަވާލުކުރުމަށް 2021 އިން 2023 އަށް ދެ ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ވަނީ ކޮށްފަ އެވެ. އެއީ 673 އެއްބަސްވުމެއްގެ ދަށުންނެވެ.