ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި ކަމަށް އަޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓު އޮފީހުން ރޭ ނެރެފައިވާ ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓުގައިވާ ގޮތުން އެ ކޯޕަރޭޝަނަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމާއި މަސައްކަތް ހަވާލުކުރުމަށް 2021 އިން 2023 އަށް ދެ ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ވަނީ ކޮށްފަ އެވެ. އެއީ 673 އެއްބަސްވުމެއްގެ ދަށުންނެވެ.
އޭގެ ތެރެއިން 438 އެއްބަސްވުން ހަދާފައިވަނީ އާންމު އުސޫލުގެ ބޭރުން ބިޑަށް ނުލާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެއީ އެއްބަސްވުންތަކުގެ %65 މަސައްކަތެވެ. އެ އެއްބަސްވުންތައް ހަދާފައިވަނީ އާއްމުކޮށް އިއުލާނުކުރުމަކާ ނުލައި، ދެތިން ފަރާތަކުން އަގު ހޯދައި، އެ ކޯޕަރޭޝަނުގެ ޑައިރެކްޓް ޕާޗޭޒް ކޮމިޓީން، މަސައްކަތް ހަވާލުކުރާނެ ފަރާތްތައް ނިންމައިގެން ކަމަށެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއްކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ދައްކަނީ ކަރަންޓު ކޭބަލް ގަތުމަށެވެ. އެކަމަށް 544 މިލިއަން ރުފިޔާވަނީ ހަރަދުކޮށްފަ އެވެ.
އޮޑިޓު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފެނަކައަށް މުދަލާއި ހިދުމަތް ހޯދުމުގެ ގަވައިދު ވެސް އެކުލަވާފައި ވަނީ ހޯދާ މުދަލެއް ނުވަތަ ހިދުމަތެެއްގެ އަގު ޖީއެސްޓީ ނުހިމަނައި 225،000ރ. އަށް ވުރެ މަތިވާ ނަމަ އާއްމުކޮށް ހުޅުވައިލަން ޖެހޭ އުސޫލު، ރާއްޖޭން ބޭރުން ތަކެއްޗާއި ހިދުމަތް ހޯދާ އިރު އިސްތިސްނާވާ ގޮތަށެވެ.
އަދި ބިޑަށް ނުލައި ކުރި މަސައްކަތްތަކުގެ ތެރެއިން 384 އެއްބަސްވުމުގެ ތެރެއިން 48 ޕަސެންޓް މަސައްކަތް ހަވާލުކޮށްފައިވަނީ އާއްމު ބީލަމުގެ އުސޫލުން ބޭރުން އިމަޖެންސީ ހާލަތެއްގައި މަސައްކަތްކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ.
އޮޑިޓް ރިޕޯޓް ބުނާގޮތުން އާއްމު ބީލަމުގެ ބޭރުން ދީފައިވާ މަސައްކަތްތަކަށް ބަލާއިރު އެންމެ ބޮޑު އެއްޗެއް ދީފައިވަނީ "ސާސޭ" ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏާ ހަވާލުކުރި އަށް މަސައްކަތެއްގެ އަގު 149 މިލިއަން ރުފިޔާއަށް އަރައެވެ.
އޮޑިޓު ރިޕޯޓުން ފާހަގަވާ އެހެން ބައެއް ކަންތައްތަކުގެ ތެރޭގައި އެކިއެކި ބޭނުންތަކަށް، އެކި ރަށްރަށުން ތަންތަން ކުއްޔަށް ހިފުމުގައިވެސް އުސޫލުން ބޭރުން އަމަލުކޮށްފައިވާކަން ހިމެނެ އެވެ. އެގޮތުން އެ ތަންތަން ކުއްޔަށް ހިފީ އެންމެ ފަރާތަކުން އަގު ހޯދައިގެން ކަމަށް ވާއިރު، އެ ތަންތަނުގެ ކުއްޔަށާއި މަރާމާތަށް ފެނަކައިން 12.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.
އަދި އާ ޖަނަރޭޓަރުގެ ގޮތުގައި ލިޔުންތަކުގައި ހިމަނައި ރިފާބިޝް ޖަނަރޭޓަރުތަކެއް ގަނެފައިވާކަންވެސް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2 މިލިއަން ރުފިޔާ ހަރަދުވާންޖެހޭ ކަމަށް ލަފާކޮށްފައިވާ އެ ކަމަށް 17 މިލިއަން ހަރަދުކޮށްފައިވާކަން އެނގެ އެވެ. އެ ޖަނަރޭޓަރުތައް އެތެރެކުރުމަށް ކަސްޓަމަށް ހުށަހެޅި ލިޔުންތަކުގައި އެއީ ރިފާބިޝް ޖަނަރޭޓަރުތަކެއްކަން ލިޔެފައި އޮތް ނަަމަވެސް ޖަނަރޭޓަރުތަކާ ހަވާލުވުމަށް ފަހު، ފެނަކައިން ހެދި ރިޕޯޓްގައި އެ ކުންފުނިން ހަވާލުވީ އައު ޖަނަރޭޓަރުތަކަކާ ކަމަށް ލިޔެފައިވާ ކަމަށް އޮޑިޓުން ބުނެއެވެ.
އެއީ، 400 ކިލޯ ވޯޓުގެ ނުވަ ޖަނަރޭޓަރާއި 600 ކިލޯ ވޯޓުގެ އެއް ޖަނަރޭޓަރެވެ. އެތަކެތީގެ ޖުމުލަ އަގު އިމްޕޯޓް ޑިއުޓީއާއެކު އަރަނީ 2.9 މިލިއަން ރުފިޔާއަށް ނަމަވެސް، ފެނަކައިން އެ ޖަނަރޭޓަރުތައް ގަނެފައިވަނީ 17.4 މިލިއަން ރުފިޔާއަށް, 504 ޕަސެންޓް ބޮޑު އަގުގައި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އުސޫލާ ހިލާފަށް ހިންގާފައިވާ އެހެެން ކަންކަންވެސް ފާހަގަކޮށް އެކަންކަމުގައި ހިމެނޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އޮޑިޓު ރިޕޯޓުގައިވަނީ ލަފާދީފަ އެވެ.
އާއިޝަތު މާހާ
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި