ތ. އަތޮޅު ކަނޑުދޫގެ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތެއް، ކުރު މުއްދަތެއްގެ ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ތ. އަތޮޅު ކަނޑޫދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކަނޑޫދޫގައި ބައެއް މަޝްރޫއުގެ މަސައްކަތްތައް ހުއްޓިފައިވާ އިރު، އޭގެ ތެެރެއިން އެންމެ އުނދަގޫ މަސައްކަތަކީ ފެނާއި ނަރުދަމާގެ މަސައްކަތް ކަމަށެވެ.
އެ މަސައްކަތް މަޑުޖެހުނީ އެ ރަށުގެ މަސައްކަތް ކުރަން ކުރީ ސަރުކާރުން ހަވާލުކުރި ކުންފުނިން ވަަރަށް ގިިނަ ރަށްރަށުގައި މަސައްކަން ފަށާފައި ވަނިކޮށް، ވެރިކަން ބަދަލުވުމާ ގުޅިގެން ދިމާވި އެކި ސަބަބުތަކާ ހުރެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އޭރު ސަރުކާރުން ކޮންމެވެސް ވަރަކަށް ޕޭމަންޓްތައް ދޭންހުރި އަދި މި ސަރުކާރުން ޕޭމަންޓްތައް ދީގެން ބައެއް ރަށްރަށުގައި މަސައްކަތް ފެށި ނިމުމަކަށް އަންނަމުން އެބަދޭ،"
ރައީސް ވިދާޅުވީ، ކަނޑުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް އޮފީހަށް ދީފައިވާ މައުލޫމާތުގައި ހިމެނޭ މިންވަރާއި އެރަށަށް ވަޑައިގެން ބެއްލެވި އިރު، މަސައްކަތް ގޮސްފައިވާ މިންވަރާ ބޮޑު ތަފާތުތަކެއް ހުރި ކަމަށެވެ.
"ރައީސް އޮފީހަށް ފޮނުވާފައިވާ މައުލޫމާތާއި މިތަނުގައި މަސައްކަތް ހިނގާފައި އޮތް މިންވަރާ ވަރަށް ތަފާތު. ރައީސް އޮފީހަށް ފޮނުވާފައިވާ މައުލޫމާތުގައި ވަނީ 96 ޕަސެންޓް މަސައްކަތް ނިމފައިވާ ކަމަށް،"
ނަމަވެސް ރައީސް ވިދާޅުވީ އެއަށްވުރެ އެ މަޝްރޫއުގެ މަސައްކަތް އޮތީ މާ ފަހަތުގައި ކަމަށެވެ. އެހެންކަމުން އެކަން ވަރަށް ސީރިއަސްކޮށް ނަންގަވައިގެން އެކަމަށް ކުރު މުއްދަތެއްގައި ގޮތެއް ކަނޑައަޅުއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ސަބަބުތައް ދިމާވެގެން މަސައްކަތްތައް ހުއްޓުނު ނަމަވެސް، ޓާމިނޭޓް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން އިސްކަން ދެނީ އެ މަސައްކަތާ ހަވާލުވެ ތިބި ބަޔަކު ލައްވައި އެކަން ކުރުވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ވިދާޅުވީ، އެ މަސައްކަތާ މިހާރުވެސް ހަވާލުވެ އޮތް ކުންފުނި ލައްވައި ނުވަތަ އެމްޑަބްލިއުއެސްސީއާ މަސައްކަތް ހަވާލުކޮށްގެން، އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިއުމާ މެދު ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު