ކުޑަކުއްޖަކު ފްލައިޓެއްގެ ލޭންޑިން ގިޔާގައި ދިއްލީއަށް ދަތުރުކޮށްފިއެވެ.

އަފްގާނިސްތާނުގެ ކާބުލް އިން އިންޑިއާގެ ދިއްލީ އަށް ދަތުރުކުރި ފްލައިޓެއްގެ ލޭންޑިން ގިއާގައި ފިލާއޮވެ ދަތުރުކުރި ކުޑަކުއްޖާ ފެނިފައިވަނީ ފްލައިޓު ދިއްލީއަށް ޖެއްސި ފަހުން ކަމަށް އޮފިޝަލުން ބުނެއެވެ.

ކާމް އެއާގެ ފްލައިޓެއްގެ ލޭންޑިން ގިޔާގައި ދަތުރުކުރި އުމުރުން 13 އަހަރުގެ އެކުއްޖާ ފެނިފައިވަނީ ދިއްލީއަށް ފްލައިޓު ޖެއްސިފަހުން ފްލައިޓު ކައިރީގައި އުޅެނިކޮށް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އެކުއްޖާ ފެނުމާއެކު އެއާޕޯޓުގެ ސެކިއުރިޓީއާ ހަވާލުކޮށް ސުވާލުކޮށްފައިވެއެވެ. އެކުއްޖާއާ ހަވާލާދީ އޮފިޝަލުން ވަނީ ފްލައިޓުގެ ލޭންޑިން ގިޔާއަށް އަރާފައިވަނީ އަފްގާނިސްތާނުން ކަމަށާއި އެއީ އޭނާ އަމިއްލައަށް ކުރި ކަމެއް ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެކުއްޖާ ފްލައިޓަށް އަރާފައިވަނީ އިރާނަށް ދިއުމަށް ކަމަށާއި ނަމަވެސް އެރުނީ އިންޑިއާއަށް ދަތުރުކުރި ފްލައިޓަކަށް ކަމަށެވެ.

އޮފިޝަލުން ވަނީ އެކުއްޖާ އައި ފްލައިޓުގައި އަނބުރާ އަފްގާނިސްތާނަށް ފޮނުވާލާފައިވާ ކަމަށް ބުނެފައެވެ.

ފްލައިޓުގެ ލޭންޑިން ގިޔާގައި މީހަކު ދަތުރުކުރި މައްސަލައިގައި އެފްލައިޓު ވަނީ ހާއްސަ ސެކިއުރިޓީ ޗެކެއް ކޮށްފައި ކަމަށާއި ޗެކުކުރުމުގެ ތެރޭގައި އެކުއްޖާ ފިލާއޮތް ސަރަހައްދުން ކުޑަ ސްޕީކަރެއްވެސް ފެނުނު ކަމަށް އޮފިޝަލުން ބުނެއެވެ. އެއީ އެކުއްޖާގެ ސްޕީކަރެއް ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.