ބެންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީޗް ޔުއާން އެކައުންޓްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ކޮން ޝިއުންހުއާ އާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު ހަބީބްއެވެ.

22 ސެޕްޓެމްބަރ 2025، މާލެ، ބީއެމްއެލުން ރާއްޖޭގައި އަލަށް ޗައިނީޒް ޔުއާން އެކައުންޓުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވާހަކަފުޅު ދައްކަވަނީ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިއަދުގެ ރަސްމިއްޔާތުގައި ތައާރަފްކުރި ކަންކަމުގެތެރޭގައި:

  • ޗައިނީޒް ޔުއާން އެކައުންޓް: އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ޗައިނީޒް ޔުއާން ބަހުން ކަރަންޓް އެކައުންޓް ހުޅުވޭނެއެވެ.
  • ޗައިނީޒް ޔުއާން ބޭނުންކޮށްގެން އިންޓަނޭޝަނަލް ޓްރާންސްފާ: ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ސީދާ ޗައިނީޒް ޔުއާން ބަހުން އިންޓަނޭޝަނަލް ޓްރާންސްފާ(ޓީޓީ) ފޮނުވުމާއި ރިސީވް ކުރެވޭނެ އެވެ.
  • ލެޓާ އޮފް ކްރެޑިޓް (އެލްސީ): އިމްޕޯޓަރުންނާއި އެކްސްޕޯޓަރުންނަށް ޗައިނާ ޔުއާން ބަހުން ލެޓާ އޮފް ކްރެޑިޓް ދޫކޮށް މެނޭޖް ކުރެވޭނެއެވެ.
  • ވީޗެޓް ޕޭ: ބީއެމްއެލް ކަސްޓަމަރުންނަށް ބީއެމްއެލް އިން ދޫކުރާ އެމްވީއާރު ވިސާ އަދި މާސްޓާކާޑް ޑެބިޓް އަދި ކްރެޑިޓް ކާޑު ވީޗެޓް ޕޭ އަށް ލިންކް ކޮށް، ޗައިނާގެ ވިޔަފާރިވެރިންނަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެ އެވެ.
  • ވީޗެޓް ވޮލެޓް: ފުރަތަމަ ފަހަރަށް ކަސްޓަމަރުންނަށް ސީދާ ވީޗެޓް ވޮލެޓަށް ޗައިނީޒް ޔުއާން އިން ޕޭމަންޓް ބަލައިގަނެ، އެ ފައިސާ ބޭނުންކޮށްގެން ޗައިނާގެ މެއިންލޭންޑް ޗައިނާގައި ޕޭމަންޓް ކުރުމަށް ނުވަތަ ވީޗެޓް މެދުވެރިކޮށް ފައިސާ ފޮނުވޭނެ އެވެ.
22 ސެޕްޓެންބަރު 2025: ބީއެމްއެލުން ރާއްޖޭގައި އަލަށް ޗައިނީޒް ޔުއާން އެކައުންޓުގެ ޚިދުމަތް ފެށުން --- ވަންފޮޓޯ/ އަހުމަދު ހަމްދާން

އޭގެ އިތުރުން ޔޫއެސްޑީ ޑެބިޓް، ޑޮލަރު ކްރެޑިޓް އަދި ޓްރެވަލް ކާޑު ވީޗެޓް ޕޭ އަށް ލިންކް ކުރެވޭނެ އެވެ.

"ދުނިޔޭގެ އެންމެ ބޮޑު އެއް އިގުތިސާދު އަދި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ޕޭމަންޓް ޕްލެޓްފޯމްތަކާ އިންޓަރގްރޭޓްކޮށް، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދެނީ. މި ހިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމައަށް ފަސޭހަކަމާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ލިބި، އަމިއްލަ ފަރުދުންނަށް އާދަޔާ ހިލާފު ފަސޭހަތަކެއް ލިބިގެންދާނެ." މި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މިއަދަކީ ރާއްޖޭގެ މާލީ ހާލަތު ޒަމާނީ ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު އެއް އިގުތިސާދާއި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވާލުމުން ބީއެމްއެލްގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

"މި ހިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމައުއަށް ހަރުދަނާކަމާއެކު ވިޔަފާރިކުރެވި، އަދިފަރުދުންނަށް މިހާތަނަށް ނުލިބޭވަރުގެ ފަސޭހަތަކެއް ލިބިގެންދާނެ. މިއީ އާ އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް." ސީއީއޯ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލުން ވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔުނިއަންޕޭ ކާޑުތައް ބީއެމްއެލް އިން ދޫކުރަން ފަށާނެ ކަމަށްވެސް ހާމަކޮށްފައެވެ. އެ ކާޑު ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވޯކްގައި ބޭނުންކުރެވޭނެ ކާޑެކެވެ.