ނޮވެމްބަރު މަހުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެގޮތުން ވެރިކަމަށް ދޮޅު އަހަރުގެ ތެރޭ އެ މަނިކުފާނު މިހާރު ވަނީ ރަށްރަށުގެ ހުރިހާ ކައުންސިލަކާ ވެސް ބައްދަލުކުރައްވައިފައެވެ.
ފ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިހާރު ތާވަލުކުރެވިފައި އޮތް ގޮތުން އަންނަ މަސް ނިމޭއިރުގައި އެންމެ އަތޮޅެއްގެ ރަށްތައް ފިޔަވައި، ހުރިހާ އަތޮޅެއްގެ ރަށްތަކަށް ވަޑައިގެންނެވޭނެ ކަމަށެވެ.
"ނޮވެމްބަރު މަހުގެ ކުރީކޮޅުގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ދެވޭނެ އިރާދަކުރެއްވިއްޔާ، މިހާރު ތާވަލު އޮތް ގޮތުން، ބަދަލެއް ނާންނަންޏާ. އަޅުގަނޑަށް ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރުމުގެ ތެރެއިން މިހާރު ހުރިހާ ކައުންސިލަކާ ބައްދަލުވެފައި މިއޮތީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލުތަކާ ދެވަނަ ބުރަށް ބައްދަލުކުރައްވަން ފައްޓަވައިގެން ގޮސް، މިހާތަނަށް ދެވަނަ ފަހަރަށް 86 ކައުންސިލަކާ ބައްދަލުކުރެއްވިފައިވާ ކަމަށާއި މި ސަރުކާރުން ގެންގުޅެނީ އަމަލީގޮތުން ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރުން ކަމަށެވެ.
"އަމަލީގޮތުން އަޅުގަނޑުމެން މި އަންނަނީ ކައުންސިލުތަކުގެ ގާތަށް، ރައްޔިތުންގެ ގާތަށް. މާލެއަކަށް ކައުންސިލެއް ނުގެންނަން. އަޅުގަނޑު އަދި ވަޒީރުން، ކުންފުނިތަކުގެ ވެރިން މި ވަޑައިގަންނަވަނީ ކައުންސިލުތައް ގާތަށް، ރައްޔިތުން ގާތަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ރާއްޖޭގެ ހުރިހާ ކައުންސިލަކާއި ހުރިހާ ޑަބްލިޔުޑީސީއަކާ ވެސް ދެވަނަ ފަހަރަށް ބައްދަލުކުރެވޭނެ ކަމަށާއި އެއިން ކޮންމެ ބައްދަލުކުރެއްވުމެއްގައި ވަރަށް ތަފްސީލުކޮށް ރައްޔިތުން ބޭނުންވާ ކަންކަމާ މަޝްވަރާކުރެވޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު