ފ. ފީއަލީގެ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފީއައްޔަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުގެ ޖާގަ އިތުރުކޮށް، 15 ހެކްޓަރަށް ވާ ގޮތަށް ބިން ހިއްކުމުގެ މަޝްރޫއެއްގެ ގޮތުގައި ގެންދާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
ޖުމުލަކޮށް މުޅި ރާއްޖޭގައި ވެސް ގިނަ މަޝްރޫއުތަކަކަށް ބޮޑު ހިލައިގެ ޝިޕްމަންޓް ގެންނަން ޖެހި، އެކަމުގެ މަސައްކަތްތައް ކުރަން ޖެހިގެން ލަސްތަކެއްވި ކަމަށާއި ނަމަވެސް އެ މައްސަލަތައް ހައްލުކުރެވި، އެކި ދިމަދިމާއަށް ބޮޑުހިލަ ގެންދިއުމުގެ މަސައްކަތް މިހާރު ފެށިފައިވާ އެ މަނިކުފާނު ވިދާޅުވިއެވެ.
"މި ރަށަށް ވެސް ވަރަށް އަވަހަށް އަންނާނެ. އެހެންވީމާ 15 ހެކްޓަރުގެ ބިން ހިއްކިގެންދާ ގޮތަށް މި މަޝްރޫއު ދާދި އަވަހަށް ފެށިގެންދާނެ މިއަހަރުގެ ތެރޭގައި. ފެށިގެން ގޮސް، އިރާދަކުރެއްވިއްޔާ އެގޮތަށް ނިންމައިދޭނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައި ހުރި މަޝްރޫއުތައް ވެސް ރަނގަޅަށް ގެންގޮސްދެއްވާނެ ކަމަށާއި ވަރަށް ގިނަ ދަތިތައް ދިމާވި ކަންކަން އެބަހުރި ކަމަށެވެ. އަދި ފީއަލީގެ ތަރައްގީއަށް ހުރިހާ ދާއިރާއަކުން ވެސް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު