ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަ ކަމަށެވެ.
އެފަދަ 491 މައްސަލަ ހުށަހަޅާފައިވާ އިރު، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލަ އާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕާސަނޭޝަން) 130 މައްސަލައިގެ އިތުރުން އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ އާއި ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަތަކުގައި ޖުމުލަ 11،040،491.28 ރުފިޔާ އަދި 138،060.85 ޔޫއެސް ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށެވެ.
މީގެ ތެރެއިން 2،515،484.13 ރުފިޔާ އާއި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން އަނބުރާ ހޯދިފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ ރިޕޯޓުކުރެވުނު މައްސަލަތަކުގެ ޑިމޮގްރަފިކްސް ދައްކާ ގޮތުން އޭގެ ތެރޭގައި މަނީ މިއުލްސްގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނޭ ކަމަށެވެ.
ސްކޭމްގެ ޝިކާރައަކަށްވެފައިވާ 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނޭ ކަމަށާއި، މި މުއްދަތުގެ ތެރޭގައި ފަސްތަނެއް ބަލައިފާސްކޮށްފައިވާ އިރު، ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވާ އިރު، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުނު އެކައުންޓުތަކުގެ ތަފާސްހިސާބަށް ބަލާއިރު ކޯޓު އަމުރުގެ ދަށުން 453 އެކައުންޓް ފްރީޒްކޮށް، 1897 އެކައުންޓް 48 ގަޑިއިރަށް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުން ބުންޏެވެ.
އިބްރާހިމް ޒަކީ
ވައްކަމާއި ފޭރުން
ހައްޖު ކޯޕަރޭޝަން