"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" (މީޑިއާ ބިލް) ގައިވާ ކަންބޮޑުވުންތައް ފާހަަގަކޮށް މަޖިލީހުން ބިލް ބޭރުކޮށްލުމަށް އެދި ނޫސްވެރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އިތުރަށް ކުރިއަށް ނުގެންދަން އެ ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހަށް ޕެޓިޝަން ހުށަހެޅިތާ ދެ ހަފުތާފަހުން އެ ޕެޓިޝަނާ މެދު ގޮތެއް ނިންމަން މަޖިލީހުގެ ޕެޓިޝަން ކޮމިޓިގެ ބައްދަލުވުމެއް ބޭއްވީވެސް އިއްޔެއެވެ.

ބިލު ދިރާސާކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިއަށްގެންދަނިކޮށް އިއްޔެ ބޭއްްވި، ޕެޓިޝަން ކޮމިޓީގެ އެ ބައްދަލުވުމުން ނިންމީ އެ ޕެޓިޝަންގައި ނޫސްވެރިން ފާހަގަކޮށްފައިވާ ކަންބޮޑުންތަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރިއާޔަތްކޮށްފައިތޯ ބެލުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޕެޓިޝަން ފޮނުވުމަށެވެ.

އެގޮތަށް ހުށަހެޅީ ޕެޓިޝަން ކޮމިޓީގެ ނާއިބު މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

އެގޮތަށް ފާސްކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޕެޓިޝަން ފޮނުވުމުން، އިއްޔެ ހަވީރު 5:00 ގައި ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި، ޕެޓިޝަނާ ބެހޭގޮތުން ގޮތެއް ނިންމިއެވެ.

އެ ބައްދަލުމުގައި ކޮމިޓީގެ ނިންމުން ހުށަހަޅުއްވަމުން، އެ ކޮމިޓީގެ މެންބަރު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އެ ކޮމިޓީން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ރޭ ބިލުފާސްކުރި އިރު، ޕެޓިޝަންގައި ނޫސްވެރިން ފާހަގަކޮށްފައިވާ ކަމަށް ޕެޓިޝަން ކޮމިޓީން އެ ކޮމިޓީއަށް ފޮނުވި ފަސް މާއްދާއަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ބިލަށް ކޮމިޓީން ހުށަހެޅި އިސްލާހުތަކާއެކު، ޕެޓިޝަން ކޮމިޓީން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ފަރުވާ ލިބިގެން ގޮސްފައިވާ ކަމަށް ޕެޓިޝަން ކޮމިޓީއަށް އަންގަން ޝުޖާ ހިމެނުއްވިއެވެ.

ޝުޖާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

ކޮމިޓީން އެ ހުށަހެޅުން ފާސްކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނިންމުން ރޭ ވަނީ ޕެޓިޝަން ކޮމިޓީއަށް ފޮނުވައިފައެވެ.

އެހެންކަމުން އެކަމަށް ގޮތެއް ނިންމުމަށް މިއަދު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ބެއްވިއެވެ.

މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވީ، ޕެޓިޝަންގައި ނޫސްވެރިން ފާހަގަ ކޮށްފައިވާ ފަސް ނުކުތާގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމުގެ ޔަގީންކަން މިނިވަން މުއަައްސަސާތަކުގެ ކޮމިޓީން ދީފައިވާ ކަމަށެވެ.

ޕެޓިޝަންގައި އެ ބިލް މަޖިލީހުން ބޭރުކުރުމަށް ނޫސްވެރިން އެދިފައިވާތީ، އޭނާ ވިދާޅުވީ، ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބިލް ބޭރުކުރުމަކީ ކޮމިޓީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

"ކޮމިޓީއަކަށް ނެތް ބިލް ބޭރު ކުރެވޭކަށް ކޮމިޓިގެ ޒިންމާއަކަށް މި އޮންނަނީ މައުލޫމާތު ހޯދައި އެ ކަންތައްތަކަށް ހައްލު ހޯދައިދިނުން،"

އެހެންކަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ބިލް ފާސްކުރިއިރު، ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ ފަސް ޕޮއިންޓަށް ރިއާޔަތްކޮށްފައިވާ ކަމަށް އެ ކޮމިޓީން ޖަވާބު ދީފައިވާކަމަށްވެސް ވިދާޅުވިއެެވެ.

އެހެންކަމުން އެ މައްސަލައަށް ގޮތެއް ނިންމުމަށް މެންބަރުންގެ ހިޔާލަށް ފުރުސަތު ހުލުވައިލުމުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު ވިދާޅުވީ، ބިލެއް އަނބުރާ ގެންދިއުމަކީ މަޖިލީހުގެ އެއްވެސް ކޮމިޓިއަކަށް ލިބިގެންވާ ހައިސިއްޔަތެއް ނޫން ކަމަށެވެ.

އެ ބިލްގައި ހިމެނޭކަމަށް ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ ކަންބޮޑުވުންތަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހައްލު ހޯދައިދީފައިވާކަމަށް ބުނެފައިވާތީ، ޕެޓިޝަންގެ މަސައްކަތް ކޮމިޓީގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް އޭނާ ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާނެވެ.

އެނިންމުން ފާސްކުރީ ބައްދަލުވުމުގައި ތިއްބެވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެނިންމުން ފާސްނުކުރަން އެއް މެންބަރަކު ވޯޓު ދެއްވިއެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ.