އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ ގެޒެޓުކުރި "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014" އަށް 13 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާކުރާނަމަ ދޭ ޗުއްޓީއަށް ކިޔަނީ "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ކަމަށެވެ.

އިސްލާހުގައިވާ ގޮތުން މުވައްޒަފަކަށް އެ ޗުއްޓީ ދެވެނީ މުވައްޒަފެއްގެ މަންމައަށް ނުވަތަ ބައްޕައަށް ނުވަތަ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ނުވަތަ ދަރިޔަކަށް ނުވަތަ އެއްބަނޑުއެއްބަފާ މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވަތަ އެއްބަނޑުމީހަކަށް ނުވަތަ ޝަރުއީގޮތުން ބަލަން ޖެހިފައިވާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާކުރާނަމައެވެ.

އެ ޗުއްޓީ ދޭންވާނީ އަސާސީ މުސާރަ ލިބޭގޮތަށް އަހަރަކު 30 ދުވަސް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

"ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ދިނުމުގައި، އެ މުވައްޒަފެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ދަރިފުޅު، އެއްބަނޑުއެއްބަފާ މީހަކު، ނުވަތަ އެއްބަފާ މީހަކު، އެއްބަނޑު މީހަކީ ޝަރުއީ ގޮތުން ބަލަން ޖެހިފައިވާ މީހަކީ ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއް ތަހައްމަލު ކުރަމުންދާ ފަރާތެއް ކަމަށާއި، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، ހެލްތު މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެ ކަމަށް އަލަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.