ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.

މާދަމާގެ ޖަލްސާއަށް ތިންކަމެއް ވަނީ އެޖެންޑާކޮށްފައެވެ.

އެއްކަމަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަމުގެ މަގާމަށާއި، ނާއިބު ރައީސްގެ މަގާމަށް މީހަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް މަޖިލިސް ތަޅުމުގައި އިއުލާންކުރުމަށްފަހު އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމެވެ.

ހަމަ އެގޮތަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް އައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ ނަންތައް މަޖިލިސް ތަޅުމަށް އިއްވައި އެ މައްސަލަ ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.

އޭގެ އިތުރުން ސަރުކާރުން ހުށަހަޅާފައިވާ "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓާމެދު މަޖިލީހުން ގޮތެއް ނިންމުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މާދަމާގެ ޖަލްސާއަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް އެދި ލިބިފައިވާ ހުށަހެޅުމާ އެއްގޮތަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.

ތިންވަނަ ދައުރުގެ މަސައްކަތް ފެށޭނީ އޮކްޓޯބަރު މަހުއެވެ. ނަމަވެސް މާދަމާ ބާއްވާ ޖަލްސާއަކީ ދެވަނަ ދައުރުގެ ޗުއްޓީ ތެރޭގައި ދައުރުން ބޭރުން މިހާތަނަށް، ބާއްވާ ދެވަނަ ޖަލްސާއެވެ. ފުރަތަމަ ޖަލްސާ ބައްވާފައިވަނީ އޯގަސްޓް 27 ގައެވެ.

ނަމަވެސް މާދަމާގެ ޖަލްސާއަކީ މިއަހަރުގެ ތެރޭގައި ދައުރުން ބޭރުން ބާއްވާ ފަސްވަނަ ޖަލްސާއެވެ. އެއީ ފުރަތަމަ ދައުރުގެ ޗުއްޓީ ތެރޭގައި ދައުރުން ބޭރުން މަޖިލީހުގެ ތިން ޖަލްސާއެއް ވަނީ ބާއްވައިފައެވެ.