ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގދ އަދި ގއ. ތައުލީމީ މަރުކަޒުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާގެ މައުލޫމާތު ސެޝަން ބާއްވައިފިއެވެ.

ބީއެމްއެލުން ބުނީ އެ ކުންފުނީގެ ޓެކްނޮލޮޖީ ޑިވިޝަންގެ އަންހެން މުވައްޒަފުންގެ ޓީމަކުން ހިންގި މި ޕްރޮގްރާމްގައި އައިސީޓީ ދާއިރާގެ މައުލޫމާތާއި މި ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް ހިންގި މި ޕްރޮގްރާމްގައި މި ދާއިރާއިން ކެރިއާ ބިނާކުރާނެ ގޮތާއި މެންޓާޝިޕް ސެޝަނެއްވެސް ބޭއްވި ކަމަށެވެ.

އަދި ޕްރޮގްރާމްގެ ބައެއްގެ ގޮތުން، ބީއެމްއެލުން ކޮންމެ ސްކޫލަކަށް ކޮމްޕިއުޓާ ސިސްޓަމެއް ހަދިޔާކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމަށް ހިންގޭ މި ޕްރޮގްރާމްގެ ވިދިވިދިގެން ތިންވަނަ އަހަރެވެ. ކުރީ އަހަރުތަކުގައި މި ޕްރޮގްރާމް ބާއްވާފައިވަނީ އއ. މަހިބަދޫ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައެވެ.