ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ މައްސަލައަކާ ގުޅިގެން މާލޭގައި މިއަދު ހެނދުނު ފުލުހުން ފެށި އޮޕަރޭޝަންގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން މިއަދު ބުނީ، ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގާ ގުޅިގެން މާލޭގައި އޮޕަރޭޝަނެއް ހިންގަމުން ގެންދާ ކަމަށެވެ.

އެކަމުގެ ތަފްސީލްތައް ދެއްވަމުން ފުލުހުން މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަަލައިގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައްވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.