ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މާލީ ބަޔާން ހުށަނާޅައިގެން މަޖިލީހުން 15 ދުވަހުގެ ނޯޓިސް ދިން ފަސް މެންބަރުންވެސް މާލީ ބަޔާން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގައި ބުނަނީ، މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭ ގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.
އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 31 ގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅި މެންބަރުންގެ ބަޔާންތައް މިދިޔަ ހަފުތާގައި ވަނީ މަޖިލިސް ވެބްސައިޓުގައި އާންމުކޮށްފައެވެ.
އޭރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ފަސް މެންބަރުން ފިޔަވައި ހުރިހާ މެންބަރުންގެ މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.
މާލީ ބަޔާން އޭރު ހުށަހަނާޅާ މެންބަރުން:
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
- މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު (ޕީއެންސީ)
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް (ޕީއެންސީ)
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު (ޕީއެންސީ)
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު (ޕީއެންސީ)
އެހެންކަމުން މަޖިލިސް ގަވާއިދުގެ 77 ވަނަ މާއްދާގައިވާގޮތުގެ މަތިން، ގަވާއިދުގައި ބުނާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް އަޅަން އޮންނަ ފުރަތަމަ ފިޔަވަޅު ކަމަށްވާ، 15 ދުވަހުގެ ނޯޓިސް ވަނީ ދީފައެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ މެންބަރުންނަށް ނޯޓިސް ދިން މުއްދަތުގައި އެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅާފައިވާ ކަަމަށެވެ.
އެހެންކަމުން އެ ތިން މެންބަރުންގެ މާލީ ބަޔާންވެސް މަޖިލިސް އިދާރާއިން ވަނީ އާންމުކޮށްފައެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނާ މެދު ފިޔަވަޅުތަކެއް އަޅަން ވެސް ގަވާއިދުގައި ބުނެފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ، މަޖިލީހުގެ ރައީސް އެ މެންބަރެއްގެ ނަން މަޖިލީހުގެ ޖަލްސާގައި އިއްވުމާއި އެއަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވޭނީ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމަށްފަހުގައި ކަމަށް ހިމަނާފައިވެއެވެ. އެ ފިޔަވަޅާއެކު މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުން ދާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ދަނޑުވެރިން
ހެލްތު މިނިސްޓަރު ގީލާ އަލީ
އިރާނު-އިޒްރޭލު ހަނގުރާމަ