ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މިއީ ދައުރުން ބޭރުން މި ޗުއްޓީގައި ބާއްވާ ދެވަނަ ޖަލްސާ އެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން އާ ދައުރު ދެން ފެށޭނީ އަންނަ މަހު 1 ގަ އެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މި މަހު 15ގައި ޖަލްސާ ބާއްވަން ނިންމާފައިވަނީ ޕީއެންސީގެ ބައެއް މެންބަރުން ބޭނުންވެގެންނެވެ.

ހޯމަ ދުވަހު ޖަލްސާ ބާއްވަން ނިންމާއިރު މިހާރު ހުށަހަޅާފައި އޮތް މީޑިއާ ރެގިއުލޭޝަން ބިލުގެ ކޮމެޓީ މަސައްކަތް އެ ދުވަހަށް ނިންމަން ވަނީ ކަނޑައަޅާފަ އެވެ.

އެ ބިލުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ކުރަމުންދާއިރު ނޫސްވެރިންދަނީ މެދުކެނޑުމެއްނެތި އެ ބިލު ބޭރުކޮށްލުމަށް ގޮވާލަމުންނެވެ.

ބިލުގައި މީޑިއާތަކާއި ނޫސްވެރިންނަށް އަޅާނެ ފިޔަވަޅުތައް ހިމަނާފައިވާ އިރު، މުޅި ބިލުގައި ނޫސްވެރިންނަށް އެއްވެސް ހިމާޔަތެއް ލިބިދީފައިނުވާ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރިއެވެ.

މި ބިލަކީ މަޖިލީހަށް ބަަލައިގަނެ، އިސްލާހު ކުރެވޭ ވަރަށްވުރެ ގޯސް ހަލާތެއްގައި އޮތް ބިލެއްކަން ފާހަގަކޮށް ކުރިހާ ނޫސްތަކުން މަޖިލިސް ތަޅުމުން ބިލު ބޭރުކޮށްލަން ގޮވާލާފައިވާ އިރު، މީޑިއާތައް ރެގިއުލޭޓް ކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، އެކަމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ފުރިހަަމަ ބިލެއް މަޖިލީހަށް ހުށަހަޅަން ތާއީދުކުރާ ކަަމަށްވެސް މީޑިއާތަކުން ބުންޏެވެ.