ދޮޅުލައްކަ ރުފިޔާއާ އެކު އިތުރު މީހެއްގެ ވަޒީފާ އިއާދަކޮށްދިނުމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެފްއެސްއެމް) އަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ 22 ޖުލައި މެއި 2014 އިން ފެށިގެން އެފްއެސްއެމްގައި "ސްޕެޝަލިސްޓް ޓެލެންޓް އެކުއިޒިޝަން" ގެ މަގާމު އަދާކުރަމުން ދަނިކޮށް ސ. ފޭދޫ އަސަރީގެ ހުސެއިން ޝިރާޒު މޫސާ އެކެއް ޑިސެމްބަރު 2024 ގައި ވަޒީފާއިން ވަކި ކުރުމުން ހުށަހެޅި މައްސަަލައެކެވެ.

ހުސެއިން ޝިރާޒު ބުނީ އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް، ގާނޫނުއަސާސީ އާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

އެހެންކަމުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އޭނާ ބުނެފައިވަނީ، ގާނޫނުއަސާސީ އާއި އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަންގެ "ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982" އިން ވަޒީފާ އަދާކުރާ ފަރާތެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އަސާސީ ހައްގުތައް ނިގުޅައިގަނެ، ކުއްލިގޮތަކަށް އޭނާ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓެއް ދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ގާނޫނީގޮތުން އެ މައްސަލަ ބަލައި، އެފްއެސްއެމްއަށް ފިޔަވަޅު އަޅައި، ހުސެއިން ޝިރާޒުއަށް ލިބެންޖެހޭ ގެއްލުމުގެ ބަދަލު އަދި ވަޒީފާ އަނބުރާ ހޯދުމަށްޓަކައި ޓްރައިބިއުނަލަށް މައްސަަލަ ހުށަހެޅީ ކަމަށްވެސް ބުނެފައިވެއެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި އަދި އެއްވެސް ސަބަބެއް އެންގުމެއް ނެތި، ދިފާއުގައި ބަހެއް ބުނުމުގެ ފުރުސަތު ނުވަތަ ތުހުމަތުކުރެވޭ ކަމަކާމެދު ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން އެއްވެސް މިންވަރަކަށް ގާއިމު ކުރުމެއް ނެތިކަން ސާބިތުވާތީ އާއި ވަޒީފާއާ ގުޅޭ ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ތަބާވާންޖެހޭ އިޖުރާއަތާއި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމަށް ނުބެލުމަށް އަމުރުކޮށް ދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާއަށް ލިބެމުންދާ މާލީ ގެއްލުމުގެ ބަދަލު އެފްއެސްއެމްއިން އެއްފަހަރާ ނަގައި ދިނުމާއި، ވަޒީފާއިން ވަކިކުރުމުން އުފުލަން ޖެހުނު ވޭނާއި ތަކުކީފާއި، މައުނަވީ ގެއްލުމަށް ރިއާޔަތްކޮށް، އެކަމުގެ ބަދަލު ދިނުމަށާއި އޭނާ ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި ބެހެއްޓުމަށް އަމުރުކޮށްދީ، ވަޒީފާ އިޔާދަކުރާ ދުވަހާ ހަމައަށް، ލިބެންޖެހޭ މުސާރަ އާއި އަހަރީ ބޯނަހާއި އެންމެހާ އިނާޔަތްތަކަކީ އޭނާއަށް ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.

އަދި މި މައްސަލައިގައި ގާނޫނީގޮތުން އެހީތެރިކަން ހޯދުމަށާއި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް ގާނޫނީ ވަކީލުންނަށް ހަރަދުކުރަން ޖެހުނު 20،000 ރުފިޔާ އެފްއެސްއެމްގެ ފަރާތުން ނަައިދިނުމަށްވެސް ޓްރައިބިއުނަލްގައި އޭނާ އެދުނެވެ.

އެ ދެ ފަރާތުގެ ހުށަހެޅުންތަކަށް ބަަލައި މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ، ހުސެއިން ޝިރާޒު ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށް ކަނޑައަޅައި، އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާ ކަމަށެވެ.

އެ ސަބަބަށްޓަކައި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އަމްޖަދަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައި ނުބެލުމަށާއި އޭނާ އަދާކުރަމުންދިޔަ މަގާމަށް އެފަރާތް އަނބުރާ ރުޖޫއަކުރުމަށް އަމުރުކޮށްފައެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ އުޖޫރައަށްވާ 156،150 ރުފިޔާ ނަގައިދިނުމަށް ކަނޑައަޅައި، އެހެން ނަމަވެސް އޭނާއަށް ނުހައްގު މުއްސަނދިކަމެއް ލިބުމުގެ ފުރުސަތު ނަފީކުރުމަށްޓަކައި، މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެހެން ވަޒީފާއެއް އަދާކުރަމުންދާ ކަމަށް ބުނެފައިވާތީ، އެ މުއްދަތުގެ ތެރޭގައި މަހު މުސާރައިގެ ގޮތުގައި އޭނާއަށް ލިބެމުންދިޔަ 15،000 ރުފިޔާގެ ނިސްބަތުން އުނިކުރުމަށްފަހު، ޖެހޭ ފައިސާގެ އަދަދު ކަަމަށްވާ 116،150 ރުފިޔާއަކީ އެފްއެސްއެމްއިން އޭނާއަށް ދޭންޖެހޭ ފައިސާއެއް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން ގާނޫނީ އެހީތެރިކަން ހޯދުމަށް އޭނާ ހަރަދުކުރި 20،000 ރުފިޔާއަކީ ވެސް އެފްއެސްއެމްއިން ދޭންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި، އެކަންތައްތައް 60 ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު ތިން ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް އެފްއެސްއެމްއަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.