ދޮޅުލައްކަ ރުފިޔާއާ އެކު މީހެއްގެ ވަޒީފާ އިއާދަކޮށްދިނުމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެފްއެސްއެމް) އަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ 18 މެއި 2017 އިން ފެށިގެން އެފްއެސްއެމްގައި "ސްޕެޝަލިސްޓް ޓެލެންޓް އެކުއިޒިޝަން" ގެ މަގާމު އަދާކުރަމުން ދަނިކޮށް ފ. މަގޫދޫ، ނޫހިރު މުހައްނަދު އަމްޖަދު އެކެއް ޑިސެމްބަރު 2024 ގައި ވަޒީފާއިން ވަކި ކުރުުމުުން ހުށަހެޅި މައްސަަލައެކެވެ.

އަމްޖަދު ބުނީ އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް، ގާނޫނުއަސާސީ އާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

އެހެންކަމުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އޭނާ ބުނެފައިވަނީ، ގާނޫނުއަސާސީ އާއި އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަންގެ "ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982" އިން ވަޒީފާ އަދާކުރާ ފަރާތެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އަސާސީ ހައްގުތައް ނިގުޅައިގަނެ، ކުއްލިގޮތަކަށް އޭނާ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓެއް ދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ގާނޫނީގޮތުން އެ މައްސަލަ ބަލައި، އެފްއެސްއެމްއަށް ފިޔަވަޅު އަޅައި، އަމްޖަދަށް ލިބެންޖެހޭ ގެއްލުމުގެ ބަދަލު އަދި ވަޒީފާ އަނބުރާ ހޯދުމަށްޓަކައި ޓްރައިބިއުނަލަށް މައްސަަލަ ހުށަހެޅީ ކަމަށްވެސް ބުނެފައިވެއެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި އަދި އެއްވެސް ސަބަބެއް އެންގުމެއް ނެތި، ދިފާއުގައި ބަހެއް ބުނުމުގެ ފުރުސަތު ނުވަތަ ތުހުމަތުކުރެވޭ ކަމަކާމެދު ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން އެއްވެސް މިންވަރަކަށް ގާއިމުކުރުމެއް ނެތިކަން ސާބިތުވާތީ އާއި ވަޒީފާއާ ގުޅޭ ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ތަބާވާންޖެހޭ އިޖުރާއަތާއި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމަށް ނުބެލުމަށް އަމުރުކޮށް ދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާއަށް ލިބެމުންދާ މާލީ ގެއްލުމުގެ ބަދަލު އެފްއެސްއެމްއިން އެއްފަހަރާ ނަގައި ދިނުމާއި، ވަޒީފާއިން ވަކިކުރުމުން އުފުލަން ޖެހުނު ވޭނާއި ތަކުކީފާއި، މައުނަވީ ގެއްލުމަށް ރިއާޔަތްކޮށް، އެކަމުގެ ބަދަލު ދިނުމަށާއި އޭނާ ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި ބެހެއްޓުމަށް އަމުރުކޮށްދީ، ވަޒީފާ އިޔާދަކުރާ ދުވަހާ ހަމައަށް، ލިބެންޖެހޭ މުސާރަ އާއި އަހަރީ ބޯނަހާއި އެންމެހާ އިނާޔަތްތަކަކީ އޭނާއަށް ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.

އަދި މި މައްސަލައިގައި ގާނޫނީގޮތުން އެހީތެރިކަން ހޯދުމަށާއި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް ގާނޫނީ ވަކީލުންނަށް ހަރަދުކުރަން ޖެހުނު 20،000 ރުފިޔާ އެފްއެސްއެމްގެ ފަރާތުން ނަައިދިނުމަށްވެސް ޓްރައިބިއުނަލްގައި އޭނާ އެދުނެވެ.

އެ ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ބަަލައި މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އަމްޖަދު ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށް ކަނޑައަޅައި، އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާ ކަމަށެވެ.

އެ ސަބަބަށްޓަކައި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އަމްޖަދަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައި ނުބެލުމަށާއި އޭނާ އަދާކުރަމުންދިޔަ މަގާމަށް އެފަރާތް އަނބުރާ ރުޖޫއަކުރުމަށް އަމުރުކޮށްފައެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައ ހަ މަސް ދުވަހުގެ އުޖޫރައަށްވާ 132،450 ރުފިޔާ ނަގައިދިނުމަށް ކަނޑައަޅައި، ގާނޫނީ އެހީތެރިކަން ހޯދުމަށް އޭނާ ހަރަދުކުރި 20،000 ރުފިޔާއަކީ ވެސް އެފްއެސްއެމްއިން ދޭންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައިފައިވެއެވެ.

އެކަންތައްތައް 60 ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު ތިން ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް އެފްއެސްއެމްއަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.