އެމެރިކާ އިމިގްރޭޝަން ރެއިޑުގައި ކޮރެއާގެ 300 މީހުން ހައްޔަރުކޮށްފިއެވެ.

އެމެރިކާގައި ހުންނަ ހިޔުންޑާއި ޕްލާންޓުގައި އެގައުމުގެ އިމިގްރޭޝަން އިން ކުރި ރެއިޑްގައި ވަނީ އެތަނުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ނުގަވާއިދުން އުޅުނު 475 މީހުން ހައްޔަރުކޮށްފައެވެ.

އޮފިޝަލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުރި އެ ރެއިޑުގައި ދެކުނު ކޮރެއާ އަށް ނިސްބަތްވާ 300 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންނަކީ އެމެރިކާގައި ނުގަވާއިދުން އުޅުނު ބައެއް ކަމަށް ބުނެފައެެވެ.

އެމެރިކާއިން ދެކުނު ކޮރެއާ ބަޔަކު ހައްޔަރު ކުރުމާއެކު ދެކުނު ކޮރެއާ ސަރުކާރުން ވަނީ އެކަމުގައި ކުރެވޭނެ ކަންކަން ބަލަން ފަށައިފައެވެ.

ދެކުނު ކޮރެއާގެ ރައީސް ލީ ޖައޭ މިޔުން ވަނީ ސަރުކާރުން ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްގެން ނަމަވެސް އެކަމުގައި ކުރެވޭނެ ކަންތައްތައް ބެލުމަށް އަމުރުކުރައްވައިފައެވެ.

ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރު ޗޯ ހިޔުން އިއްޔެ ވިދާޅުވީ ރައީސް ލީގެ އިރުޝާދާއެކު އެމަސައްކަތް ފަށާފައިވާ ކަމަށާއި އެމަސައްކަތަށް ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީގެ އިސް ޓީމެއް އެމެރިކާ އަށް ދަތުރުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޗޯ ވިދާޅުވިއެވެ.