ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ފުލުސް އަންހެން މީހާ ވަޒީފާއިން ވަކިކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދުވަހު ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއެކު އިތުރު ފިރިހެނެކެވެ.

އެ ދެ މީހުންގެ ތެރެއިން އައިޝަތު ޝިޔާޒާއަކީ ފުލުހެކެވެ. އެ ދެ މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

ޝިޔާޒާއަކީ ފުލުހަކަށްވާތީ، އެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލުމަށް ފަހު، އޭނާ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ.