ސްރީ ލަންކާގައި ފޭކު ޕޮލިސް ޖިޕެއް ހިފަހައްޓައި ދެމީހަކު ހައްޔަރުކޮށްފިއެވެެ.

ލަންކާގައި ޖިޕެއް މޮޑިފައިކޮށް ފުލުހުން ގެންގުޅޭ ޖިޕަކާ އެއްގޮތަށް ހަދައި ދުއްވަމުން ދަނިކޮށް ފެނިފައިވަނީ އިއްޔެ ކުރިއަށްދިޔަ ރެއިޑެއްގައެވެ.

ފުލުހުން ބުނީ ޖިޕާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުން އަތުން ފުލުހުން ގެންގުޅޭ ވައްތަރުގެ ވޯކީ ޓޯކީވެސް ފެނިފައިވާ ކަމަށެވެ.

ފުލުހުން ހިންގި ތަހުގީގަކުން އެނގުނު ގޮތުގަިއ އެމީހުން މޮޑިފައިކޮށްގެން ދުއްވި ޖިޕު ނިސްބަތް ވަނީ އެގައުމުގައި ހަރަކާތްތެރިވާ ގުރޫޕެއްގެ އިސް ފަރާތަކަށެވެ. މީގެ އިތުރުން އެ ޖިޕު ބޭނުންކޮށްގެން ފުލުހުންނާ ގުޅުންހުރި ބައެއް ތަންތަނަށް އެ ޖިޕު ވެސް ވަދެފައިވާ ކަމަށް ހޯދިފައިވާ ކަަމަށް ލަންކާ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ޖިޕަކީ އެގައުމުގެ ފުލުހުންގެ އިސް ފަރާތްތަކުން ގެންގުޅޭ ވެހިކަލެއް ކަމަށް ބެލެވި، އެ ޖިޕު ދަތުރުކުރާއިރު ބައެއް ފުލުހުން ސެލިއުޓް ވެސް ނަގާ ކަމަށެވެ.

ތަހުގީގު އިތުރަށް ފުޅާކޮށް އެހެން އިދާރާތަކާ ގުޅިގެން އިތުރު ކަންތައްތަކެއް ބަލަމުން އަންްނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.