ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުގެ ނަމުގައި ރ. އިންނަމާދޫގައި ހުންނަ ތިން ގޯތީގެ އިތުރުން ހަމަ އެ ރަށުން އިތުރު ތިން ގޯއްޗާއި ހުޅުމާލެއިން ވެސް ގޯއްޗެއް ގަނެފައިވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ފަލާހުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އޭނާގެ ނަމުގައި މިހާރު ރަޖިސްޓަރީކޮށްފައި އޮތީ ހަތަރު ބިމެކެވެ. އެއީ ރ. އިންނަމާދޫ ފަލަކް، ފަތް، އަސުރުހިޔާ އަދި މާލެއިން ހަތަރު މިލިއަން ރުފިޔާއަށް ގަނެފައިވާ މ. އަސުރުކުރި އެވެ. އިންނަމާދޫން ގަތް ގޯތިތަކުގެ އަގެއް އޭނާ ހާމައެއް ނުކުރެއެވެ.

ފަލާހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ނަމުގައި މިހާރު ހުރި ބިންތަކުގެ އިތުރުން އިންނަމާދޫއިން ތިން ބިމަކާއި ހުޅުމާލެއިން ބިމެއް ގަނެފައިވާނެ ކަމަށާއި ނަމަވެސް އެ ބިންތަކުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށް އަދި ނުނިމޭ ކަމަށެވެ.

"އިންނަމާދޫ އިން ގަނެފަ ރަޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި ތިން ގޯތި އެބަ އުޅޭ އަދި ހުޅުމާލެ އިން ގަތް ގޯތި ވެސް އުޅެނީ ރަޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާގައި. ވަރަށް ބެލިން މި ފަހަރުގެ މާލީ ބަޔާނަށް ލެވޭ ވަރަށް ނިންމާލެވޭތޯ ނަމަވެސް ވާގޮތެއް ނުވި،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، އެ ވާހަކަތައް ހިއްސާކުރެއްވީ، އަންނަ އަހަރުގެ މާލީ ބަޔާން ނެެރޭއިރު ﷲ ރަހުމަތްފުޅުން އޭނާ ދުނިޔޭގައި ހުންނެވި ނަމަ، ނޫސްވެރިޔަކު ފަހަރެއްގައި އާޝޯހުވެގެން ކަނޑަށްވެއްޓިދާނެތީ ކަމަށެވެ.

"ކުރީގެ ރައީސުންނާ ފަނޑިޔާރުން އަދި ޒިންމާދާރު މަގާމު ތަކުގައި ތިބި ހުރިހާފަރާތްތަކާ އެފަރާތްތަކުގެ 18 އަހަރު ނުފުރޭ ދަރިން އަދި އަނބިންގެ މާލީބަޔާން ހުށަހަޅަންޖެހޭ ގޮތައް ގާނޫނުތަކަށް ބަދަލުގެނައުމަކީ ވަރަށް މުހިއްމުކަމެއް" ފަލާހު ވިދާޅުވިއެވެ.

ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ފަލާހުއަށް ރައްޔިތުންގެ މަޖިލީހުން 900،000 ރުފިޔާ އަހަރެއްގެ ތެރޭގައި ލިބުނެ އެވެ. އަދި އޭނާގެ ކުންފުނިތަކުން ވެސް މުސާރައިގެ ގޮތުގައި އެ މުއްދަތުގެ ތެރޭގައި 900،000 ރުފިޔާ ލިބުނެވެ.

މީގެ އިތުރުން ގެދޮރު ކުއްޔަށް ދީގެން 3.2 މިލިއަން ރުފިޔާ ލިބުނު ކަމަށް ފަލާހު ބުނެ އެވެ. އާމްދަނީގެ ގޮތުގައި ޖުމުލަ 5،076،000 ރުފިޔާ ލިބުން ކަމަށް މާލީ ބަޔާނުގައިވެއެވެ.