ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން އޮތް މުއްދަތު ފަސް މެންބަރުން ފިޔަވައި ހުރިހާ މެންބަރުން މާލީ ބަޔާން ހުށަހަޅައިފިއެވެ.

މިހާރު އޮތް މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ.

އެ މުއްދަތު މިދިޔަ އާދީއްތަ ދުވަހަށް ހަމަވެފައިވާ އިރު، މާލީ ބަޔާންތައް ހުށަހެޅި މެންބަރުންގެ ބަޔާން ވަނީ މަޖިލީހުން އާއްމު ކޮށްފައެވެ.

ނަމަވެސް މަޖިލީހުން ބުނީ 93 މެންބަރުން ހިމެނޭ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް މާލީ ބަޔާން ހުށަހެޅީ 88 މެންބަރުން ކަމަށެވެ.

މާލީ ބަޔާން ހުށަނާޅާ މެންބަރުން:

  • މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
  • މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު (ޕީއެންސީ)
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް (ޕީއެންސީ)
  • ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު (ޕީއެންސީ)
  • ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު (ޕީއެންސީ)

ހެޔޮ އެދޭ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ބައެއްް މެންބަރުންނަށް އަހަރު ދުވަހުގެ ތެރޭގައި އެތައް ލައްކަ ރުފިޔާއިން އެހީތެރިވެދީފައިވާ ކަމަށް ގިނަ މެންބަރުންގެ މާލީ ބަޔާންތަކުން ދައްކައެވެ.

މަޖިލީހުން އާއްމުކޮށްފައިވާ މެންބަރުންގެ މާލީބަޔާނަށް ބަލާއިރު، އެޕާޓްމަންޓާއި ރޯހައުސް ގަތުމަށް އަދި ކްރެޑިޓްކާޑުގެ ފައިސާ ދައްކަން ހެޔޮއެދޭ މީހުން އެހީތެރިވެފައިވާ ކަމަށް އެ މެންބަރުން ވަނީ ހިމަނައިފައެވެ.

ބައެއް މެންބަރުންނަށް، މެންބަރުކަމުގެ މުސާރަ ނުހިމަނައި، ބޮޑު އާމްދަނީއެއް ލިބިފައިވާކަންވެސް މާލީ ބަޔާންތަކުން ހާމަވެއެވެ. އެގޮތުން ގެ އާއި އެޕާޓްމަންޓް ކުއްޔަށްދީގެންނާއި ބައެއް އަމިއްލަ ވިޔަފާރީން ފަސް މިލިޔަނާ ހަމައަށް އާމްދަނީ ލިބިފައިވާ ކަމަށް ވެސް ބަޔާންތަކުން ދައްކައެވެ.

ނަމަވެސް ބައެއް މެންބަރުންގެ ބޭކް އެކައުންޓްތަކަށް ބަލާއިރު، ލިބިފައިވާ އާމްދަނީއާ އެކަށީގެންވާ އަދަދަށް އެކައުންޓްތަކުގައި ފައިސާ ނެތްކަން ފާހަގަ ކޮށްލެވެއެވެ.

ބައެއް މެންބަރުންގެ އެކައުންޓްގައި 500 ރުފިޔާއަށްވުރެ މަދުން ފައިސާ ހިމެނޭ އިރު، ބައެއް މެންބަރުންގެ އެކައުންޓްގައި އެންމެ ފައިސާ އެއް ވެސް ނެތެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނާ މެދު ފިޔަވަޅުތަކެއް އަޅަން ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އެ މެންބަރެއްގެ ނަން މަޖިލީހުގެ ޖަލްސާގައި އިއްވުމާއި އެއަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރި ވެވޭނީ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމަށްފަހުގައި ކަމަށް ހިމަނާފައިވެއެވެ. އެ ފިޔަވަޅާއެކު މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުން ދާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.