ހުޅުމާލޭގެ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ވިއްކުމަށް ފައިސާ ނެގި މީހުންގެ ތެެރެއިން، އެޕާޓްމަންޓުމަންޓު ވިއްކި މީހަކަށް، އޭނާ ގަތް އެޕާޓްމަންޓްތައް ނުވަތަ ފައިސާ ދިނުމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ގ. ކަކާކެއާގެ އަލީ އާދަމް އާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު 2023 ވަނަ އަހަރުގެ ތިންވަނަ ދުވަހު ކޭޕާކުން އެޕާޓްމަންޓް ގަނެ ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ހަންބޯއިން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާނުކޮށްގެން ހަންބޯގެ މައްޗަށް ސިވިލްކޯޓުގައި ކުރި ދައުވާއެކެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ، ކޭޕާކުން ގަތް، ހަތަރު އެޕާޓްމަންޓް އަލީ އާދަމްއާ ހަވާލު ކުރުމަށް ނުވަތަ އެތަންތަން ގަތުމަށް އޭނާ ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ހަންބޯއަށް އެންގުމަށެވެ.

މި މައްސަަލަ ހުށަހެޅުމުން ހަންބޯއަށް މައްސަަލަ ރައްދުކުރި ނަމަވެސް، މައްސަލައަށް ރައްދުދޭން އޮތް 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖަވާބަށް ރައްދު ދީފައެއް ނުވެއެވެ. އަދި ރައްދު ހުށަހަޅަން ބޭނުންވާ މުއްދަތު އިތުރުކޮށްދިނުމަށްވެސް ހުށައެއްނާޅައެވެ.

އެހެންކަމުން މައްސަލަ ހުށަހެޅި، އަލީ އާދަމް އެދުނު ގޮތަށް ހަންބޯގެ ގައިރި ހާޒިރުގައި އެ މައްސަލައިގެ ހުކުމް އިއްވިއެވެ.

ހުށަހަޅާފައިވާ މައްސަލައަށް ބަލައި ސިވިލްކޯޓުން ހުކުމްކުރީ، 30 ދުވަހުގެ ތެރޭގައި އެ ހަތަރު އެޕާޓްމަންޓް އަލީ އާދަމްއާ ހަވާލުކުރުމަށް އަންގާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެޕާޓްމަންޓްތައް ހަވާލު ނުކުރެވޭނަމަ އެތަންތަން ގަތުމަށް ދައްކާފައިވާ 2.9 މިލިޔަން ރުފިޔާ އަނބުރާ އޭނާއަށް ދިނުމަށް ވަނީ ހުކުމްކޮށްފައެވެ.

ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން އެތައް ބަޔަކަށް ވިއްކާފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ 100 އަށްވުރެ ގިނަ ދައުވާކޮށްފައެވެ.